ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި އާ ހަތަރު މިނިސްޓްރީ އަކަށް ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓްރީ (ޕީއެސް) އިން އައްޔަން ކޮށްފިއެވެ.

ވަގުތީ ގޮތުން ޕީއެސްއިން އައްޔަންކޮށްފައި ވަނީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީ، ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިިނިސްޓްރީ އަށެވެ.

ވަގުތީ ގޮތުން ޕީއެސްއަށް އައްޔަން ކުރި ފަރާތްތައް:

  1. ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީ - އިލްޔާސް އަހުމަދު
  2. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ - ފާތިމަތު އަހުމަދު
  3. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ - އަހްމަދު ތޮލްހަތު
  4. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިިނިސްޓްރީ - އިސްމާއީލް ރަޝީދު

އަލަށް އުފެއްދި ހަތަރު މިނިސްޓްރީއިން ޕީއެސްއިން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެެވެ. ޕީއެސްގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޕީއެސްގެ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ކަނޑައަޅާފައިވާއިރު، ލިވިން އެލަވެންސްއެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެެވެ.

އާ ސަރުކާރުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައި ވާއިރު، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންނާއި، ޕާމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ ބައްދަލުކޮށްފައެވެ.