މިދިޔަ 2021 ވަނަ އަހަރުގެ ފަހު ކޮޅު ރާއްޖެއަށް ޒިޔާރަތްކުރަން ފެށި ފްލެމިންގޯ ނުވަތަ ގުގުގުޑާ ދޫނި މި ފަހަރުވެސް ކުޅުދުއްފުށި ސިޓީގެ ކުޅިއަށް ޒިޔާރަތް ކޮށްފިއެވެ.

ފުރަތަމަ ފްލެމިންގޯ ރާއްޖެ ޒިޔާރަތްކުރުން ވީ ގިނަ ދިވެހިންނަށް އާ ކަމަށެވެ. އެ ދޫންޏަކީ މީގެ ކުރިން ރާއްޖެއިން ފެނިފައި ނުވާ ދޫންޏެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައިރު އެ ދޫނީގެ ފޮޓޯތައް ފެނި ދޫނި ބަލާލުމަށްޓަކައި އެ ދޫނި ޒިޔާރަތްކުރި ރަށްރަށަށްވެސް މީހުން ދިޔައެވެ. އޭރުވެސް ކުޅުދުއްފުށި ސިޓީގެ އިތުރުން ހއ. ބާރަށާއި އަދި ށ. ފުނަދޫ ފަދަ ރަށްރަށުގެ ކުޅިތަކާއި މޫދު ކައިރިން މި ދޫނިތައް ވަނީ ފެނިފައެވެ.

އަނެއްކާ ވެސް މި ފަދަ ފްލެމިންގޯ ވަނީ ހދ. ކުޅުދުއްފުށިން ފެނިފައެވެ. އެ ދޫނިތަކުގެ ހިތްގައިމު ރީތި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މިއަދު ހެނދުނު އެތަނުން ފެނިފައިވަނީ ފަސް ފްލެމިންގޯ ކަމަށް އެ ސަރަހައްދަށް ދިޔަ މީހަކު ވަނީ ބުނެފައެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީއަށް މިއަށްވުރެ ގިނަ އަދަދުގެ ފްލެމިންގޯވެސް ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް މީގެކުރިން ފްލެމިންގޯ ޒިޔާރަތް ކުރި ދުވަސްވަރު ބައެއް މީހުން އެ ދޫނިތައް ހިފައި ވިއްކަން ޖެހިއެވެ. އޭރު އެ މައްސަލަ ހޫނުވެ އީޕީއޭއިން ވަނީ ރާއްޖެއަށް ހިޖުރަ ކުރާ އެފަދަ ދޫނިތައް ހިފައި އެ ސޮރުމެންނަށް އަނިޔާ ކޮށް އަދި ވިޔަފާރި އުސޫލުން ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

ފްލެމިންގޯ އަކީ ޝްރިމްޕް އާއި ސްނެއިލްސް، އަދި އެލްގީ ނަމަކަށް ކިޔާ ގަސްގަހާގެހި ފަދަ ފެނުގެ ދިރުންތައް ކާ ދޫންޏެކެވެ. އާންމުކޮށް ފިޔާތޮށި ކުލައަކަށް ހުންނަ މި ދޫނި އުފަންވާ އިރު ހުންނަނީ ހުދު ކުލައަކަށެވެ. ނަމަވެސް ކާންބޯން ބޭނުންކުރާ ތަކެތީގެ ސަބަބުން އެސޮރުމެންގެ ގަޔަށް ފިޔާތޮށު ކުލަ އަރަން ފަށައެވެ.

ކުޅުއްދުއްފުށީ ކުޅީގައި ފްލެމިންގޯތައް/ ފޮޓޯ: މިހާޒު

ރާއްޖެއިން ފެންނަ ފްލެމިންގޯތައް އެހާ ފިޔާތޮށި ކުލަ މަޑު ކޮށް ހުންނަ ސަބަބެއް ކަމަށް ބެލެވެނީ އެ ސޮރުމެން ދިރިއުޅެމުން އަންނަ މާހައުލުގެ ސަބަބުން ކަމަށް ބެލެވެއެވެ. އެކި މޫސުންތަކުގައި އެކި މަންޒިލްތަކަށް ހިޖުރަ ކުރާ މި ދޫންޏަކީ އައިން އައިނަށް ދުރު މަންޒިލްތަކަށް އުދުހި ދާ ދޫންޏެކެވެ.

މިއަދު ކުޅުދުއްފުށި ސިޓީއިން ފްލެމިންގޯ ފެނިފައިވާއިރު މި މަހުގެ 9 ވަނަ ދުވަހު އީޕީއޭއިން ބުނީ އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއްކަން ކަމަށާއި ހިޖުރަކުރާ ދޫންޏަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ. އަދި އެ ދޫނިތައް ހިފާ ގެންގުޅުމަކީ މަނާ ކުރެވިފައިވާ ކަމެއް ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން އިތުރަށް ބުނީ ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް އެފަދަ ދޫނި، ވިޔަފާރި ކުރުމަށާއި މުނިފޫހި ފިލުވުމަށް ހިފާ ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުން ދުރުހެލިވެ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އެ އެޖެންސީއިން ބާރުއަޅާ ކަމަށެެވެ.

ގަވާއިދާއި ހިލާފަށް އެފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތްތެއް އެނގިއްޖެނަމަ ލަސްނުކޮށް އީޕީއޭގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އެ އެޖެންސީއިން ވަނީ އެދިފައެވެ. މީގެއިތުރުން ބަލިވެފައިވާ ނުވަތަ އަނިޔާވެފައިވާ އައިންމަތީ ދޫންޏެއް ފެނިއްޖެނަމަ، ދޫނީގެ ފޮޓޯއަކާއި ފެނުނުތަނުގެ މައުލޫމާތާއެކު އީޕީއޭގެ ހޮޓްލައިން (7980379) އަށް ގުޅައިގެން ނުވަތަ މެސެޖަކުން ފޮނުވުމަށް ވެސް އެ އެޖެންސީއިން ވަނީ އެދިފައެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ، 30,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.