އައްޑޫ ސިޓީގެ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރު ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއްކަމަށްވާ އެއްރުއްހެރޭއަށް ދަތުރުގޮސް އުޅުނު މީހަކު ހާލުދެރަވެގެން ކޯސްޓްގާޑް އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައި އޮއްވާ ފެނުނުއިރު އޭނާ ދިޔައީ ނޭވާ ލަމުންނެވެ.