ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި އިހްތިރާމަށް ގިނަ ބަޔަކު ތައުރީފް ކޮށްފިއެވެ.

މިއަދު ހަވީރު ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާއަށް ރައީސް ސޯލިހް ވަޑައިގެންނެވި ވަގުތު ގިނަ ބަޔަކު ގޮނޑިތަކުގައި އިށީނދެގެން ތިބޭތަން ފެނެއެވެ. އޭގެތެރޭގައި މަޖިލިސް މެންބަރުންނާއި ރައީސް ސޯލިހްގެ ސަރުކާރުގެ އިސް ވެރިންނާއި، މުއިއްޒުގެ އަރިސް ބޭފުޅުން ވެސް ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ގޮނޑިތައް ޖަހާފައިވާ އިރު މެދުގައިވާ މަގުން ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ހިންްގަވާފައި ވަޑައިގަތީ އެދެބޭފުޅުންނަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅާ ހަމައަށް ވަޑައިގަތުމަށެވެ. އެ ވަގުތު ގޮނޑީގައި އިށީނދެވަޑައިގެން އިންނެވި ޣައްސާނަށް އެ ދެބޭފުޅުން ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަތުމާ އެކު ގޮނޑިން ތެދުވެވަޑައިގަންނަވާ ތަން ފެނެއެވެ.

މި ވީޑިއޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ގިނަ ބަޔަކު މި މަންޒަރު ފެނި އަންނަނީ ތައުރީފްގެ ބަސްތައް އޮއްސަމުންނެވެ.

އެގޮތުން މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ފަހުރުވެރިވެ ވަޑައިގަންނަވާނެ މަންޒަރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ހަމައެއާއެކު މި މަންޒަރުން ފެނިގެން ދަނީ ޣައްސާން އަށް ދެއްވާފައިވާ ރަނގަޅު ތަރުބިއްޔަތު ކަމާއި އޭނާގެ ރިވެތި އަހްލާގު ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޣައްސާން ތެދުވެވަޑައިގަންވާ މަންޒަރު ފެންނަ އެ ވިީޑިއޯގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ގޮނޑީގައި އިށީނދެގެން ތިއްބަވާތަން ފެންނަ އިރު، އެމްޑީޕީ މެންބަރުންނަށް ވެސް އެ ސަރުކާރުގެ ރައީސަށް އިހްތިރާމް ނުކުރާތީ އެކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޣައްސާން އަކީ ޕީޕީއެމް އިސް ލީޑަރެއް ވެސް މެއެވެ. އަދި އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުންނަވައި ރައީސް ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި، ޣައްސާންގެ ފަރާތުން ރައީސް ސޯލިހަށް މި ފަދަ އިހްތިރާމެއް ކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ޣައްސާންގެ އަހަލާގަށް ތައުރީފްކޮށް މި ވީޑިއޯ އަންނަނީ އެތައް ބަޔަކު ހިއްސާ ކުރަމުންނެވެ.