ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުރި ކަމަށް ބުނެ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެ ހިންގަން ފެށި އޮޕަރޭޝަންގައި އިއްޔެ އެތަން އެފުށްމިފުށަށް ޖަހާ ނުކުތުމަށް ފަހު މިއަދު އަލުން ވަދެއްޖެއެވެ.

ހޮސްޕިޓަލްގެ ޑައިރެކްޓަރު ވިދާޅުވީ, ޔަހޫދީ ސިފައިން މެޑިކަލް ސަޕްލައި ޖަހައިގެން ފޮޑިގަނޑުތަކެއް ހިފައިގެން ވަދެފައި ވާ ކަމަށާއި އޭގެ ފަހުން ވީޑިއޯއެއް ހަދާ އާންމު ކުރީ އެތާނގައި ހަމާސްގެ ހަތިޔާރާއި އެމީހުންގެ ބޫޓާއި ޔުނިފޯމް ހުރިކަމަށެވެ. އެއީ ހަދާފައި ވާ ވީޑިއޯއެއް ކަމަށާއި އެ ފޮށިގަނޑުތަކުގައި އެމީޙުން ވެއްދީ ކޮންއެއްޗެއް ކަމެއް ދެނެގަތުމުގެ ފުރުސަތު ހޮސްޕިޓަލްގެ އެއްވެސް އޮފިޝަލަށް ދީފައި ނުވާ ކަމަށެވެ.

އިއްޔެ އެތަން ދޫކޮށް ނިކުތް އިރު އެތަނުގެ ބައެއް ބޯޑުތައް ގޮއްވާލާފައި ވާ އިރު, އާންމު ކުރި ވީޑިއޯއިން ފެންނަނީ ހޮސްޕިޓަލްގެ އެމްއާރުއައި މެޝިނެއްގެ ބިއްދޮށުގައި އޭކޭ47 ތަކެއް ހުއްޓައެވެ. ދެން ދައްކަނީ ކަބަޑެއްގައި ބަހައްޓާފައި ހުރި ވަޒަނާއި ޔުނިފޯމާއި ބޫޓެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ހަތިޔާރު އަތުރާފައި ހުއްޓާވެސް ދެއްކިއެވެ. އިޒްރޭލުން ބުނީ އެއީ ހަމާސްގެ ތަކެތި ކަމަށާއި ޝިފާ ހޮސްޕިޓަލް ބޭނުން ކުރަމުން ދިޔަ ހަމާސްގެ މުޖާހިދުން ކަމަށެވެ.

އިޒްރޭލުގެ ވާހަކަތައް ތެދުކަން ދައްކަން އެމެރިކާއިން ވެސް ވަނީ މިއަދު އާވާހަކައެއް ދައްކާފައެވެ. އެގައުމުން ބުނީ, އިންޓެލިޖެންސް މައުލޫމާތުން އެއީ ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަން އެނގޭ ކަމަށާއި އިޒްރޭލުން ހަދަނީ ތެދު ކަމަށެވެ.

ނަމަވެސް އެހުރިހާ ވާހަކައަކީވެސް އުފެއްދުމެއް ކަމަށް ވިދާޅުވެ ހޮސްޕިޓަލްގެ ޑިރެކްޓަރު ވިދާޅުވީ, އިޒްރޭލުގެ ބޭނުމަކީ ހޮސްޕިޓަލް ފުނޑުފުނޑު ކޮށްލުން ކަމަށާއި, މިހާރުވެސް އެތާނގައި ތިބި ތުއްތު ކުދިންނާއި ބަލިމީހުންނާއި އަދި އިޒްރޭލުގެ ހަމަލާތަކުން ސަލާމަތް ވާން ވަދެތިބި 1000 އެއްހާ މީހުންނަށް ބޯފެންތިކެއް, ކާނެ އެއްޗެއް ނުދީ އެތެރޭގައި ބަންދުކޮށްފައި ވާ ކަމަށެވެ. އަދި މިއަދު އަލުން ހޮސްޕިޓަލަށް ވަންނަމުން ހޮސްޕިޓަލްގެ ކޮރިޑޯގައި މަރުވެ ވެއްޓިފައި ތިބި މީހުންގެ ހަށިގަނޑުތައް ވެސް އިޒްރޭލު ސިފައިން ނަގައިގެން ގެންގޮސްފައި ވާ ކަމަށާއި އެތެރެއަށް ވަދެ ބަޑިޖަހާ ތަން ސުންނާފަތި ކުރަމުން ގެންދާ ކަމަށެވެ.

ގާޒާގައި ހުންނަ 35 ހޮސްޕިޓަލެއްގެ ތެރެއިން މިވަގުތު ކުޑަކޮށްވެސް ހިދުމެއް ދެވޭ ހާލަތެއްގައި ހުރީ އެންމެ 9 ތަނެކެވެ. ބޮޑެތި ހުރިހާ ހޮސްޕިޓަލަކަށް ޔަހޫދީ ސިފައިން ވަދެފައި ވާ އިރު އެތަންތަން އެއްކޮށް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ޝިފާ ހޮސްޕިޓަލުގައި މިވަގުތުވެސް 7000 އަށް ވުރެ ގިނަ މީހުން އެބަތިއްބެއެވެ. ހޮސްޕިޓަލްގެ ޑައިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވީ, ހޮސްޕިޓަލްގައި ތިބި އެންމެން މަރުވާނެ ކަމަށާއި އެތެރޭގައި ތިބި އެކަކަށް ވެސް ބޭރަށް ނުނިކުމެވޭ އިރު, މިވަގުތު އިޒްރޭލުގެ އެތައް 100 ސިފައިންނެއް ވަނީ ހޮސްޕިޓަލްގެ ތެރެއަށް ވަދެގެންފައި ކަމަށާއި އެމީހުން ހުރިހާ ވޯޑުތަކެއް އެފުށްމިފުށަށް ޖަހަމުން ގެންދާ ކަމަށެވެ. އަދި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ދެކުނު ކޮމްޕައުންޑްގެ ފާރުތައްވެސް މިހާރު ވައްޓާލާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެ ހަމާސްގެ ތަކެތި ކަމަށް ބުނެ އާންމު ކުރި ވީޑިއޯގައި ދައްކާ ބައެއް ހަތިޔާރު

ހޮސްޕިޓަލްގައި ތިބި މީހުން;

  • ބަލިމީހުން: 650
  • ޑައިލަސިސް ހަދާ މީހުން: 45
  • މެޑިކަލް ސްޓާފް: 500
  • ހިޔާވަހިކަން ހޯދައިގެން ތިބި މީހުންގެ އަދަދު: 5000

މިހާރުވެސް ޑައިލަސިސް ހަދަމުން ދާ އެކަކު މަރުވެއްޖެ ކަމަށާއި, ވަގުތުން އޮކްސިޖަން ބޭނުންވާ ތުއްތު ކުދިންވެސް ދަނީ އެންމެ ފަހުގެ ނޭވާ ލަމުން ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 11,470 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު އޭގެ ތެރޭގައި 4,407 އަކީ ކުޑަކުދިންނެވެ. ޖުމްލަ 29,000 މީހުން ޒަހަމްވެފައި ވެއެވެ. ތެޔޮ ނުލިބި ނިޒާމު ހުއްޓުމުގެ ސަބަބުން ނޮވެމްބަރު 11 އިން ފެށިގެން މިހިނގާ ހަފްތާގައި ޖުމްލަ 40 ތުއްތު ކުދިން ވަނީ މަރުވެފައެވެ. މެޑިކަލް ސްޓާފުންގެ ތެރެއިން 202 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. އާންމުންގެ ތެރެއިން 26 މީހަކުވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ސިއްހީ ހިދުމަތް ދޭ މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ހަމަލާތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 3,640 އަށް އަރާއިރު އޭގެތެރެއިން 1,770 އަކީ ކުޑަކުދިންނެވެ. މުޅި ގާޒާގެ 58 ޕަސެންޓް (276,000) ގެދޮރު ވަނީ ތަޅާލާފައެވެ. 60 އެމްބިއުލާންސަކަށް ހަމަލާ ދިން އިރު އޭގެތެރެއިން 55 އުޅަނދު މިހާރު ބޭނުމެއް ނުކުރެވެއެވެ. މާބަނޑު މީހުންގެ ތެރެއިން 50,000 މީހަކު މިވަގުތު ތިބީ ނުރައްކަލެއްގައެވެ. މި ފާއިތުވީ 40 ދުވަހުގެ ތެރޭގައި ވިހޭ 260 އެއްހާ މީހުންގެ ތުއްތު ދަރިން ދަނީ ދުނިޔެ ދޫކުރަމުންނެވެ. މައިންނަށް ފަރުވާ ދެވޭކަށް ނެތެވެ.