ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ގާތުގައި ހުރި ބައިވެރިޔަކީ އިންޑިއާ ކަން އެ ގައުމުން ސާބިތުކޮށް ދީފި ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ އިރާކޮޅު، އިންޑިއާގެ މިނިސްޓާ އޮފް އާތު އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އާ ބައްދަލު ކުރައްވައި އެމަނިކުފާނާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރިޖިޖޫ އަށް މަރުހަބާ ވިދާޅުވެ، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހްނިޔާއާ އާއި ހެޔޮއެދުންތައް ރައްދު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ އާތު މިނިސްޓަރު ދެއްކެވި ވާހަކައިގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އިންޑިއާއަކީ، ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންތެރި ގާތް ރަހްމަތްތެރި ގައުމެއްކަން ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅިފައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، އަދި ދަތުރުތައް އިތުރުކޮށް އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފުޅާކުރުމުގައި، އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ކޮވިޑް-19ގެ ދަތިތަކުން އަރައިގަތުމުގައި އިންޑިއާ ސަރުކާރުން އެކި ގޮތްގޮތުން ވެއްދެއްވި އެހީތަކަށް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވިއެވެ. އިންޑިއާއަކީ، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން ސާބިތު ކޮށްދީފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ކިރަން ރިޖިޖޫ ދެއްކެވި ވާހަކައިގައި، ދިވެހި ސަރުކާރުގެ ފަރާތުން ދޭ އެއްބާރުލުން ފާހަގަ ކުރައްވައި އެކަމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުން ކުރިޔަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެން ދާނޭ ކަމަށް ޔަގީން ކުރައްވަމުންނެވެ.
އިންޑިއާގެ އާތު މިނިސްޓަރު މިއަދު ރައީސް ސޯލިހާ ބައްދަލު ކުރައްވާފައި މި ވަނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މާލެ ވަޑައިގެންނެވެ. މިއަދު އިންޑިއާގެ މިނިސްޓްރުގެ އިތުރުން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ރައީސް ސޯލިހާ ބައްދަލު ކުރައްވާފައެވެ.