އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތީ މާދަމާ ރޭ ހަވާ އަރުވަން ނިންމައިފިއެވެ.

މުއިއްޒު ހުވާ ކުރެއްވުމާ ގުޅިގެން ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 21:00 ގައި އިއްޒުއްދީން ޖެޓީ އާއި ދިމާލުންނެވެ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ގެންދަވަނީ ވަޑައިގަންނަވަމުންނެވެ.

22.9 މިލިއަން ރުފިޔާ ހަރަދު ކުރާ މި ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމުގެ ފަހު މަރުހަލާތަށް މިހާރު ބާރަށް ކުރިއަށް ދެއެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށިން 19،291 ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 129،159 ވޯޓެވެ. އަދި ދެވަނަ ބުރުގައި މުއިއްޒުއާއި ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.