އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަލީ ނަޝާތު އައްޔަންކޮށްފި އެވެ.

ނަޝާތު އީސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފައިވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ނަޝާތު ވަނީ ކުރައްވާފައެވެ. ނަޝާތުއަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވަނީ މި އަހަރުގެ މެއި މަހުއެވެ. ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ.

އޭނާގެ ދައުރު މިއަހަރުގެ ޖުލައި 25 އަށް ހަމަވެފައިވާއިރު ދެވަނަ ދައުރަކަށް އީސީއަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ ބޭއްވި ޖަލްސާގައެވެ.