މި އަހަރުގެ ބަޖެޓަށް ސަރުކާރުން އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން ފާސްކޮށްފިއެވެ.
ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް ކޮމިޓީއަށް ފޮނުވާލާފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމުމުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހުއެވެ.
ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފައިވާއިރު އަންނަ ހަފްތާގެ ޖަލްސާއެއްގައި ބަޖެޓަށް ބަހުސް ކުރުން އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ ވިދާޅުވެފައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިއަދު ފާސްކުރެވުނު ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ދައުލަތު ބަޖެޓު ޖުމްލައަކީ 49.3 ބިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ތެރެއިން ރިކަރަންޓު ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 3.4 ބިލިއަން ރުފިޔާއެވެ.
މިއަދު ފާސްކުރި އެ ބަޖެޓުން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އާސަންދައަށް ކަނޑައަޅާފައި ވަނީ 1.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކައް އެ ބަޖެޓުގެ 1.8 ބިލިއަން ރުފިޔާ ހޭދަ ކުރާނެއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީއިން ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.