ބޭރު ގައުމެއްގެ އިއްޒަތްތެރިއަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން ހުޅުލާގެ މަގާއި ފަޅުން ބައެއް ވަކި ވަގުތަކަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ނެރުނު ސަމާލުގައި ބުނީ، މާދަމާ އިރުއޮއްސި 6:35 އިން 7:20 އަށް އަދި އާދިއްތަ ދުވަހު ހެނދުނު 7:00 އިން 7:50 އަށް ހުޅުލެ މަގާއި ފަޅު ބަންދު ވާނެ ކަމަށެވެ.

އަދި ބަންދު ކުރާ މި ވަގުތު ތަކުގައި އެމްއޭސީއެލް ސްޓާފް ބަސް އަދި އެމްޓީސީސީ ބަސް ހުއްޓާނީ ވެސްޓާން ޕާކިން ސަރަހައްދު (އޭ) އަށް ކަމަށާއި އެމްއޭސީއެލް ފެރީ ގާތް ކުރާނީ ވެސްޓާން ޕާކިން ސަރަހައްދު (ބީ) އަށް ކަމަށެވެ. އަދި މިވަގުތު ހުޅުލެ ފަޅަށް ވަދެ ނުކުމެވޭނީ ދެކުނު ނެރު (ސީ) އިން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މިވަގުތުތަކުގެ އެއް ގަޑިއިރުގެ ކުރިން ކާގޯ ޓާމިނަލާ ދިމާލުގައިވާ ނެރު (އީ) އިން ފެށިގެން ރަސްމީ ފާލަމާ ދިމާލުގައިވާ ނެރު (ޑީ) އާ ހަމައަށް ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދު އަޅާފައި ނުބޭއްވުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

އަދި ހަަމައެހެންމެ މިވަގުތުތަކުގައި އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓާމިނަލްގެ އުތުރު ކަންމައްޗާ ދެމެދު ކުރެހުމުގައިވާ ގޮތަށް ބަންދު ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުން ހިންގުމުގައި ވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަން ދިނުމަށް އެމްއޭސީއެލް އިން އެދިފައި ވެއެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށްވާއިރު މި ހަފްލާގައި ބައިވެރިވުމަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނަށްވެސް ދައުވަތު ވަނީ ދެއްވާފައެވެ.