އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެމްޑަބްލިއުއެސްސީން 5 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި 500،000 ރުފިޔާ ހަދިޔާކުރުމަކީ ލިބޭ ޝަރަފެއް ކަމަށާއި މި ހަދިޔާއަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަމުގެ ރަމްޒެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖްމެންޓާއި މުވައްޒިފުން، ފަލަސްތީނުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމުގައި، ފަލަސްތީނާ އެކުގައި ދެމިތިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި ފައިސާ ހަދިޔާކޮށްފައިވަނީ ރެޑް ކްރެސެންޓް މެދުވެރިކޮށެވެ.

އެމްޑަބްލިއުއެސްސީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތައް ކަމަށްވާ ސްޓެލްކޯ އަދި އެމްޕީއޭއިން ވެސް ވަނީ ފަލަސްތީނަށް 5 ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.