ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިޒާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި މެންބަރުންގެ ސުލޫކީ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތްކުރައްވާނަން ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ އިތުރުން މެންބަރުންގެ ވެސް ޒިންމާ އެއް ކަމަށެވެ.

މަޖިލީހަކީ ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ތަނެއް ކަމަށާއި، ނަމަވެސް މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ މަސައްކަތްކުރާ ތަނެއް ކަމަށް މެންބަރުން ދެކެވަޑައިގަތަސް އެކަން އޮތީ އެހެނެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމަ އެހެންމެ މަޖިލީހުގައި ގާނޫނުތައް ހަދައި އިސްލާހުކުރުމުގެ މަސައްކަތާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭއިރު، މަޖިލީހުގެ ހައިބަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސެކޭ އެއްފަދައިން މެންބަރުންގެ މަސްއޫލިއްޔަތެއް ކަން ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

"އެހެންކަމުން މަޖިލީހުގެ ނިޒާމު ނުގެއްލި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަކީ މުހިންމުކަމެއް ކަމަށް ފެންނާތީ އެގޮތުން ބައެއް ފިޔަވަޅުތައް އަޅަން ގަސްދުކުރާ ވާހަކަ އަޅުގަނޑު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އަޅުއްވާނެ ދެ ފިޔަވަޅެއް އަސްލަމް ހިއްސާކުރެއްވިއެވެ. އެއީ:

  • މަޖިލީހުގައި ސުލޫކީ ގަވައިދެއް އެކުލަވާލައި ފާސްކުރުން
  • މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނަށާއި އެހެނިހެން ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދާ ވަގުތު މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ގިނަ ރައްޔިތުންގެ ފަރާތުން މެންބަރުންނަށް ފާޑުކިއުމާއި ނުރުހުން އަބަދު ވެސް އަމާޒުވެއެވެ.