ރާއްޖޭގެ ޖީޑީޕީ އިތުރު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 4 ކަމަކަށް ލަފާ ދެއްވައިފިއެވެ.

އަމީރު މިގޮތަށް ލަފާ ދެއްވާފައި ވަނީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ ބަޔާން ހުށަހަޅުއްވާ، ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ ކަމަށްވާ ކޮވިޑްއާ ގުޅިގެން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދައްވި ކަމަށެވެ.

އަދި ބަޖެޓު ޑެފިސިޓް ބޮޑުވެގެން ދިޔަ ކަމަށާއި، އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އާމްދަނީ އިތުރުވި ނަމަވެސް، ހަރަދުތައް ބޮޑުތަނުން އިތުރުވި ކަމަށް ވެއެވެ. އަދި ދައުލަތުގެ ހަރަދަށް ބޭނުންވާ ފައިސާގެ 68 ޕަސެންޓުގެ ބޮޑުބަޔަކީ ދިވެހިރާއްޖޭގައި ހިނގާ އިގުތިސާދީ ހަރަކާތްތަކުން ހޯދާ ޓެކުހާއި އެހެނިހެން އާމްދަނީ ކަމަށާއި އޭގެ ތެރެއިން އަންނަ އަހަރު 33.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާއިރު، ޓެކުހުގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ލަފާ ކޮށްފައިވާކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ އާމްދަނީގެ ޖީޑީޕީ ނިސްބަތުން އިތުރު ކުރުމަށް މިހާރު މެދު ރާސްތާގައި އާމްދަނީ އިތުރު ކުރުމާއި ގުޅޭ ސްޓްރެޓެޖީއެއް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ޖީޑީޕީ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 29.3 އިންސައްތައިގައިކަން ފާހަގަކޮށް އަމީރު ވަނީ މި ޕްލޭނުގެ ދަށުން 2028 ވަނަ އަހަރު އަންނަންވާއިރު، މިއަދަދު 35 އިންސައްތައަށް އުފުލުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޖީޑީޕީ އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި އަމީރު ފާހަގަ ކުރެއްވި 4 ކަމަކީ:

  • އާ ޖީއެސްޓީ ގާނޫނެއް ގެނައުން
  • މީރާއާއި ކަސްޓަމްސްގެ ތަންފީޒީ ފިޔަވަޅުތައް ވަރުގަދަ ކުރުން
  • އެކްސައިޒް ޓެކްސް ނިޒާމެއް ތަޢާރަފް ކުރުން
  • ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމަށް ކައުންސިލްތަކަށް ލިބޭ ޕްރޮޕަޓީ ޓެކުހެއް ތައާރަފް ކުރުން

ޖީއެސްޓީއާ ގުޅޭ އާ ގާނޫނެއް ޑްރާފްޓް ކޮށްފައިވާކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ އޭގެ ބޭނުމަކީ ޖީއެސްޓީ ނެގޭ އަސާސް "އޮރިޖިން ޕްރިންސިޕްލް" އިން "ޑެސްޓިނޭޝަން ޕްރިންސިޕްލް" އަށް ބަދަލުކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން ޑިޖިޓަލްކޮށް ރާއްޖޭގައި ދޭ ހިދުމަތައް ޖީއެސްޓީ ނެގުމުގެ ބާރު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތު އާމްދަނީ އިތުރުކުރުމަށް ގިނަކަންކަން ރޭވިފައިވާ އިރު، މިއަހަރުގެ ބަޖެޓުގައި ބަޖެޓް ދަރަނި ނުވަރަ ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާއަށެވެ. މީގެ ތެރެއިން ޕްރައިމަރީ ޑެފިސިޓަކީ 8.5 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް މިނިސްޓަރު އަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، މިއަހަރުގެ ބާކީ ބަޔަށް ހުށަހަޅުއްވާފައި ވަނީ 6.5 ބިލިއަންގެ ބަޖެޓެކެވެ. މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓްގެ ބަހުސް މާދަމާ ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.