ކައުންސިލްތަކުގެ މަސައްކަތްތައް މިހާރަށްވުރެ ލުއިފަސޭހަކޮށް ގެންދެވޭނެ ގޮތެއް ހޯދުމަށް ލާމަރުކަޒީ ގާނޫނާއި، އުސޫލުތަކަށް ބަދަލު ގެންނަންޖެހޭކަމަށް މަޑުއްވަރީ ދާއީރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދޫކޮށްލުމަށް ވަރަށް ގިނަ ބަދަލުތައް ގެންނަން ޖެހޭކަމަށެވެ. މި ގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާ އަދި ކައުންސިލްތަކުގެ ނިންމުންތަކުގައި މައި ސަރުކާރަށް ބަރޯސާވުން މިހާރަށްވުރެ ބޮޑުތަނުން ލުއިފަސޭހަވާންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ދޭ ބަޖެޓާ އެކު އެންމެ މުހިންމު މަސައްކަތަކީ ކައުންސިލްތަކުން ރަށުގައި އަގްތިސާދީ ހަރަކާތްތައް ހިންގާ މިންވަރު އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހޯދައިދިނުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، މިހާރަށްވުރެ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ތަނަކަށް ހެދުމަށް އާ ސަރުކާރުން އުފައްދަން ނިންމާފައިވާ ވުޒާރާގެ މައުލޫމާތު ހިއްސާކުރަމުން އާދަމް ޝަރީފް ވިދާޅުވީ އެ ވުޒާރާގެ ބޭނުމަކީ ކައުންސިލްތަކުގެ ދައުރު ފުރިހަމައަށް އަދާކުރަމުންދޭތޯ ކަށަވަރުކުރުން ކަމަށެވެ. އަދި އެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދީ ކައުންސިލްތަކުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ހަމައަށް ފޯރުކޯށްދިނުމުގައި އެހީވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ތެރެއިން ކަންކަން ނުކުރެވިގެން ކައުންސިލްގެ މަސައްކަތްތައް ލަސްވާ ލަސްވުމަށް ހައްލު ގެންނަ ޖެހޭކަމަށެވެ. އާ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރަށްތަކަކީ ފުދުންތެރި ރަށްތަކަކަށް ހެދުމާއެކު ސަރުކާރުން ދޭ ބަޖެޓަށް ހަމައެކަނި ބަރޯސާ ނުވެ، އަމިއްލަ ފުދުންތެރި މަސައްކަތްތެރި ރަށްތަކަކަށް ހެދުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ވަނީ ޕީއެންސީގެ ވެރިކަމުގައި، ލާމަރުކަޒީ ނިޒާމު ހިންގުމަށް ހާއްސަ ވުޒާރާއެއް އެކުލާވާލައްވާނެކަމަށް ވިދާޅުވެފައެވެ.