ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުގެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފިއެވެ.
މި މައްސަލާގައި މިދިޔަ ހަފްތާގައި އޮތީ ފަނޑިޔާރުންގެ ބެންޗުން މައްސަލައިގައި ހިމެނޭ ފަރާތްތަކާ ސުވާލު ކުރުމެވެ. މިއަދު ވެސް ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލަތާއި އަދި އިސްތިއުނާފު ކުރި ފަރާތްތަކާ ގިނަ ސުވާލުތަކެއް ކޮށްފައި ވާއިރު އެއް ފަރާތުން ދައްކާ ވާހަކައަށް އަނެއް ފަރާތުން ޖަވާބު ދިނުން މިއަދު ވެސް އޮތެވެ.
މިއަދު ބޭއްވި މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލައިގައި ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ފަހު ބަސް އިއްވުން ކަމަށެވެ. އެގޮތުން ކޮންމެ ފަރާތަކަށް ފަހު ބަސް އިއްވުމަށް 30 މިނެޓް އަރުވާނެ ކަމަށާއި އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާން ކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ހުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.