ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ލިޔެކިއުންތައް އޮންލައިންކޮށް އެޓެސްޓް ކުރުން (ނޯޓަރައިޒް) ކުރުމަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

މިއަދު އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ލިޔެކިއުންތައް ރާއްޖޭގައި އުޅޭ ވަކީލުން އޮންލައިންކޮށް ނޯޓަރައިޒް ކުރަމުންދާ ކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ ޕަބްލިކް ނޯޓަރީގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށްވެސް ވެއެވެ.

އަދި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ލިޔުމެއްގައި ސޮއި ކޮށްފައިވަނީ ނޯޓަރައިޒް ކޮށްދޭ ފަރާތުގެ ކުރިމަތީގައި ކަން ކަށަވަރުކޮށްދިނުމަށް ނޯޓަރައިޒް ކޮށްދޭ ލިޔުންތަކުގައި ސޮއި ކުރަންވާނީ އެކަން ކޮށްދޭ ވަކީލުގެ ހާޒިރުގައި ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އަދި އޮންލައިންކޮށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދެވޭނީ ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ހިދުމަތަށް އެދޭ ފަރާތާއި ގާނޫނީ ވަކީލާ ބައްދަލުވެވެން ނެތް ހާއްސަ ހާލަތުގައި އެކަނި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ މި މައްސަލައަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ މައްސަލައެއް ކަމަށާއި، ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލަތަކެއް ކަމަުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށް ޕަބްލިކް ނޯޓަރީންގެ ކިބައިން ބާ ކައުންސިލުން ވަނީ އެދިފައެވެ.

އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އެކި ބޭނުންތަކަށް ލިޔެކިޔުންތައް ނޯޓަރައިޒް ކުރުމުގައި އެ ގައުމެއްގެ ޕަބްލިކް ނޯޓަރީގެ ހިދުމަތް އޮންނަ އުސޫލުގެ ދަށުން އަމަލު ކުރުމަށް ބާ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.