މަޝްހޫރު ސިޓްކޮމް ފްރެންޑްސް އިން އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދި މެތިއު ޕެރީގެ ބަޔޮޕިކް ކުޅެން ޒެކް އެފްރޮން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ޖަކޫޒީގެ ތެރޭގައި ގެނބިގެން މަރުވި މެތިއުގެ ބަޔޮޕިކް ކުޅުމަށް ޝައުގުވެރިވާކަން އެކްޓަރު ޒެކް އެފްރޮން ހާމަކުރަމުން ބުނީ މެތިއުގެ ހަޔާތަކީ ވަރަށް ޝައުގުވެރި ހަޔާތެއް ކަމަށާއި މީގެ ކުރިން ވެސް މެތިއު އަމިއްލަ އަށްވެސް އޭނާގެ ބަޔޮޕިކް އެއް ހަދާނަމަ އޭނާގެ ރޯލު ކުޅުވަން ބޭނުންވަނީ ޒެކް ކަމަށް ބުނެފައިވާ ކަމަށެވެ. ފިލްމު "ދަ އަޔަން ކްލޯ"ގެ ރެޑްކާޕެޓުގައި ނޫސްވެރިއަކު ކުރި މިސުވާލުގެ ޖަވާބު ދެމުން އެކްޓަރު ޒެކް ބުނީ މެތިއު އަކީ އޭނާ ވަރަށް އިހްތިރާމް ކުރާ މީހެއް ކަމަށާއި ވަރަށް ގިނަ ކަންކަން އޭނާގެ ފަރާތުން ދަސްވިކަމަށެވެ. ކޮމެޑީ ރޯލުތައް ކުޅެ އެކްޓްކުރަން ވެސް ދަސްކުރީ މެތިއު ކައިރިން ކަަމަށާއި ހަޔާތުގައި މެތިއު އާއެކު ފިލްމެއް ކުޅެލެވުމުން އުފާވާ ކަމަށެވެ.

"އަހަރެން ވަރަށް ފަހުރުވެރިވޭ މެތިއު ގެ ބަޔޮޕިކެއް ހަދާނަމަ އަހަރެން ލައްވައި މެތިއުގެ ރޯލު ކުޅެން އޭނާ އަމިއްލަ އަށް ވެސް ބޭނުންވާތީ. މުސްތަގްބަލުގައި މެތިއުގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާނަމަ އަހަރެން އެ ރޯލު ކުޅެން ބޭނުން،"

މެތިއު ޕެރީ އާއި ޒެކް އެފްރޮން ވަނީ "17 އަގައިން" ކިޔާ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. 2009 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 139.5 މިލިއަން ޑޮލަރުުގެ އާމްދަނީއެއް ލިބިފައެވެ.