މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފައިވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށާއި މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނީ މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކުރުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަ ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ސޭފްޓީއަށް ޖަހާފައިހުންނަ ފެންސް ވަޔާ ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.