މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ ގުޅިގެން 7421 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އެ ދާއިމީ ލިސްޓާ ގުޅިގެން ނުރުހުންވެގެން ގިނަ ބަޔަކު ވަނީ ޕްލޭނިން މިނިސްޓްރީއަށް ގޮސް އިހުތިޖާޖުކޮށްފައެވެ. އަދި ޝަކުވާ ހިފައިގެން އޭސީސީއަށްވެސް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

އާންމުންގެ ޝަކުވާ ބޮޑުވެގެން ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޕްލޭނިން މިނިސްޓޤރީއިން ހުޅުވާލީ މި މަހުގެ 5 ވަނަ ދުވަހެވެ. އަދި މި މަހުގެ 9 ވަނަ ދުވަހަށް އެ މުއްދަތު ހަމަވުމަށް ނިންމި ނަމަވެސް އެ މުއްދަތު ވަނީ ރޭ 11:59 އަކަށް އިތުރުކޮށްފައެވެ.

ހުށަހެޅި ޝަކުވާތަކާ ގުޅިގެން ދާއިމީ ލިސްޓަށް ބަދަލު އަންނާނެތޯ "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ އެއްޗެއް ދަންނަވަން އެނގިވަޑައިގަންނަވާނީ ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 20،697 މީހުން ކުރިމަތިލާފައިވީ ނަމަވެސް 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެ އެންމެންނަށްވެސް ފްލެޓް ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ފްލެޓްގެ މި މައްސަލައާ ގުޅިގެން އާންމުންގެ ނުރުހުން އިންތިހާއަށް ބޮޑުވެފައިވަނިކޮށް އިއްޔެ ހަވީރު ޕްލޭނިން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައެޅުމުގައި އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހެޅި ފޯމްތައް މިނިސްޓްރީ އިން ވަރަށް ބޮޑު ޓީމެއް ނަގައިގެން ބެލުމަށްފަހު މައްސަލަ ހުރި ފޯމްތައް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 200،000 މިނެޓު ފޯމު ހުށަހެޅި ފަރާތްތަކާ ވާހަކަ ދެއްކިފައިވާނެ ކަމަށާއި 200،000 މެސެޖު އަދި 200،000 އީމެލް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން މާކްސްއެއް ދިނުމުގެ ހައްގު އެއްވެސް އިވެލުއޭޓަރަކަށް ވެސް ނޯންނާނެކަން ކަމަށާއި މާކްސްދީފައި ވާނީ ފޯމް ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތާ އެއް ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާކްސް ނަގާނީ ފޯމް ހުށަހަޅާ ފަރާތުގެ ދަރިން ތިބި އަދަދަށް، ދިރިއުޅޭ ތަނުގައި ކޮޓަރި ހުރި އަދަދަށް ނުވަތަ ދިރިއުޅޭ ތަނުގައި ފާހާނާ ބޭނުން ކުރުމުގެ ހާލަތު ހުރި ގޮތް އަދި ކައްކާ ކެއުމުގެ ހާލަތު ހުރި ގޮތަށް ބެލުމަށްފަހު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.