ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓާލިންކްގެ އިންޓަނެޓް ހިދުމަތް ރާއްޖެ އަށް ތައާރަފުކޮށްފިއެވެ.

ސްޓާލިންކަކީ އެކްސްގެ ވެރިޔާ އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ބިޔަ ސެޓެލައިޓް ވިއުގައާ އެކު ބިނާކޮށް، ތަރައްގީ ކުރަމުން އަންނަ ހިދުމަތެކެވެ. އަދި މި ހިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އަވަސް، އަގުހެޔޮ އިންޓަނެޓްގެ ހިދުމަތް ދިނުމެވެ.

ސްޓާލިންކުން ބުނީ ހިދުމަތަށް ބޭނުންވާ ހާޑްވެއާ ވެބްސައިޓުން ޕްރީ-އޯޑަރުކުރި މީހުންނަށް ވަނީ އޯޑަރު ކޮންފާމް ކުރުމަށް ސްޓާލިންކުން އީމެއިލް ފޮނުވައިފައިވާ ކަމަށެވެ.

މި ހިދުމަތަށް އޯޑަރު ކުރާތާ ދެ ހަފްތާގެ ތެރޭގައި ޝިޕްކޮށް ދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތުގެ ޕެކޭޖުގައި ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެއް ހިމެނެއެވެ. ހާޑްވެއާ ޕެކޭޖުގެ އަގަކީ 10،000 ރުފިޔާއެވެ.

މި ހިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދެނީ ތަފާތު ހިދުމަތެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ސެޓެލައިޓު ޓެކްނޮލޮޖީއަށް އިތުރަށް ބަރޯސާ ވާން ޖެހިފައިވާ ކަމަށެވެ. މި ހިދުމަތް ރާއްޖެ އަށް ދޭން ޓެކްނޮލޮޖީ މިނިސްޓްރީން ހުއްދަ ދިނީ އޮގަސްޓް މަހުގެ 24 ގަ އެވެ.

މިހާރު މި ހިދުމަތް 60 އަށްވުރެ ގިނަ ގައުމަށް ފޯރުކޮށްދެމުން ދާއިރު ރާއްޖެއަކީ ދެކުނު އޭޝިއާގައި މި ހިދުމަތް ފޯރު ކޮށްދޭން ފެށި ފުރަތަމަ ގައުމެވެ. ސްޓާ ލިންކް އިން ކަނޑައަޅާއިފައިވާ ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ.