ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގޯސްތަކެއް ހެއްދެވި ކަމަށް ބުނެ އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން މާލީ ބަޔާނުން ނެރުނު ނަތީޖާ ގޯސް ކަމަށް ބުނާ ނުކުތާއަށް ދައުލަތުން އެއްބަސް ވެއްޖެއެވެ.

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދައުލަތަށާއި މައްސަލަ ހުށަހެޅި ފަރާތުން ސާފު ކުރަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ސުވާލު ކުރައްވާފައެވެ. އެ ގޮތުން ޔާމީން، މަނީ ލޯންޑަރިން ކުރި ކަމަށާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހުކުމް ކުރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގޯސްތަކެއް ހައްދަވާފައިވާ ކަަމަށް ބުނެ އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން ދައުލަތުން އެއްބަސްވާ ކަމެއް އެބަ އޮތްތޯ ސާފު ކުރެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހްމަދު ޝަފީއު ވަނީ، އިސްތިއުނާފް ނުކުތާގެ ތެރެއިން 12 ވަނަ ނުކުތާ ފާހަގަ ކުރައްވާފައެވެ. އެ ނުކުތާއަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރު މާލީ ބަޔާނަކުން ނެރުއްވި ނަތީޖާ އާ ގުޅިގެން ހުށަހެޅި ނުކުތާއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ކަމަށް ބުނާ ފައިސާ އިން ނެރުއްވި ނަތީޖާ އެވެ.

އެ ނުކުތާގައި މާލީ ބަޔާނަކުން ނެރެފައިވާ ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ނޫން ކަމަށް ބުނާ ނުކުތާ އަކީ ދައުލަތުން އެއްބަސްވާ ނުކުތާއެއް ކަމަށް ޝަފީއު ވިދާޅުވިއެވެ. އެކަމަކު އެ ނުކުތާ ނެގި ނަމަވެސް މައްސަލައިގައި ކޮށްފައިވާ ހުކުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެ ނުކުތާ ގުޅެނީ ހުއްދަ ނޫން ގޮތުގައި ހޯދާ މަންފާއަށް ކަމަށާއި ނަމަވެސް އެ ކުށުގެ އުންސުރު އެހެން ހެކިތަކުން ސާބިތުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުރި ހުކުމުގައި ވެސް 12 ވަނަ ނުކުތާ އަކީ ހަމަ އެއް ނުކުތާއެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށް ދައުލަތުން ބުނެއެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، އެބޭފުޅުންނަށް އެއީ ދެ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި 12 ވަނަ ނުކުތާ އަކީ ގާނޫނު އަސާސީގެ 119 ވަނަ މާއްދާއަށް ހަވާލާދީފައި ނުކުތާއެއް ކަމަށާއި އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ 12 ވަނަ ނުކުތާގައި ހަވާލާދީފައި ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކަށް ކަމަށް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ހުށަހެޅުންތައް ހުށަހަޅަން ދިނީ 27 ދުވަސް ކަމަށް ދައުލަތުން އެއްބަސްވެއްޖެ

މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ބައެއް ކަންކަން ސާފު ކުރެއްވުމަށް ދައުލަަތާ ސުވާލު ކުރެއްވި އިރު، ފަނޑިޔާރުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމުގައި ވާނަމަ އެ މައްސަލައިގެ ނިންމުމަށް އަސަރު ކުރާނެތޯ ބެލުމަށް ވެސް ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އީނާ މޫސާ ވިދާޅުވީ، ކްރިމިނަލް ކޯޓުން ދައުލަތަށާއި ދައުވާ ލިބޭ ފަރަތާކަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިން ކަމަށާއި އަދި މި މައްސަލައިގައި އެންމެ ދިގު މުއްދަތު ދެއްވާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަނޭޅުމަކީ ދަށު ކޯޓުން އެ ފުރުސަތު ނުދޭ ކަމެއްގެ ގޮތުގައި ނުބަލާ ކަމަށް އީނާ ވިދާޅުވިއެވެ.

ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތަކީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ފުރިހަމަ ކުރުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހާ އިޖްރާއަތުތައް ނިންމުމަށް ފަނޑީޔާރުން ދިފާއިވާ މުއްދަތު ކަމަށް މީގެ ކުރިން ދައުލަތުން ބުނެފައި ވެއެވެ. އެގޮތުން އެ ހުށަަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިން ތާރީހަކީ އޭޕްރީލް 11، 2022 އެވެ. އެހެންކަމުން 30 ދުވަސް ހަމަވާ ތާރީހަކީ ކޮބައިތޯ ފަނޑިޔާރުން އެއްސެވުމުން ދައުލަތުން އެ ދުވަސް ހާމައެއް ނުކުރެއްވިއެވެ.

ދައުލަތުގެ ވަކީލް އީނާ ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ބަލަމުން ދަނީ ޖިނާއީ އިޖުރާއަތުގެ ގާޏޫނުގައި ބުނާ ގޮތުންއެންމެ އައިޑިއަލް ގޮތަށް ނޫން ކަަމަށާއި ޔާމީން ޝަރީއަތް ވެސް ދިޔައީ އެހެން ކަމަށެވެ. އެގޮތުން ޖިނާއީ އިޖުއާތަރުގެ 16 ވަނަ މާއްދާއާ ހަވާލާދެއްވަމުން އީނާ ވިދާޅުވީ، ޝަރީއަތް ފަށާއިރު، ޝަރީއަތް ހިނގާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ދެފަރާތަސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ގޮތަށް ތާވަލް ހަދާފައި ނުވާ ކަން ފާހަގަ ކުރައްވަމުން އީނާ ވިދާޅުވީ، ފަހު ތާރީހަކީ ކޮން ތާރީހެއް ކަން އެހެން ދަންނަވަން ނޭނގޭނެ ކަމަށެވެ.

އޭޕްރީލް 11 އަކީ ޝަރީއަތުގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިން ތާރީހަށް ވާއިރު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ފަށާނެ ތާރީހެއްގެ ގޮތުގައި މެއި 25، 2022 ކަނޑައަޅާފައެވެ. އެގޮތުން އެ ދުވަސް ގުނާފައި ވަނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ގަބޫލު ނުކުރާ ކަމަށް އީނާ ވިދާޅުވިއެވެ. އެއީ ބަންދު ދުވަސްތައް ނުހިމަނާ ގުނާ ނަމަ 30 ދުވަސް ހަމަވާ ތާރީހަކީ މެއި 25 އަށް ވުރެ ކުރީގެ ތާރީހެއް ކަމަށާއި އެއަށް ވުރެ ވެސް ދިގު މުއްދަތެއް ކޯޓުން ދީފައިވާ ކަަމަށް އީނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ފަނޑިޔާރުން ވަނީ ބަންދު ދުވަސްތައް ނުލައި ގުނާ ނަމަ ދިން މުއްދަތަކީ 27 ދުވަސް ތޯ ސުވާލު ކުރައްވާފައެވެ. އެކަމަށް ދައުކަތުން ވަނީ އެއްބަސް ވެފައެވެ. އެހެންކަމުން މުއްދަތު ގުނާ އިރު 30 ދުވަސް ހަމަ ނުވާ ކަން ފަނޑީޔާރުން ފާހަގަ ކުރެއްވުމުން ދައުލަތުން ބުނީ، ސީދާ ފަނޑިޔާރު ވަކި ކަމެއް ކުރަން ތާރީހެއް ދީފައި އޮއްވާ އަޑުއެހުމެއް ނުބޭއްވޭތީވެ، އެ މުއްދަތު އިތުރު ކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. މުއްދަތެއް ކަނޑައަޅައިފިއްޔާ އެ މުއްދަތަށް އެ ކަމެއް ކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުނެއެވެ.

ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔަ އިރު، މުއްދަތު ގުނާ ގޮތާ ގުޅިގެން ދައުވާ ލިބޭ ފަރާތުން ވަނީ ސުވާލު ކޮށްފައެވެ. އޭޕްރީލް 11 ގައި ދަށު ކޯޓުގެ ފަނޑިޔާރު، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ އެއްގޮތަށް މުއްދަތު ގުނާ ކަމަށް ބުނެފައެއް ނުވެއެވެ. ފަނޑިޔާރު އެ ދުވަހު ވިދާޅުވެފައި ވަނީ، މުއްދަތު ގުނާނީ ކުރިން ވެސް ފަނޑިޔާރު ވިދާޅުވެފައިވާ ގޮތަށް ކަމަށެވެ. ނަމަވެސް މެއި 25 ވަނަ ދުވަހު ފަނޑިޔާރު ވަނީ މުއްދަތު ގުނާފައި ވަނީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.

3 ގަޑިއިރަށް ވުރެ ގިނަ އިރަށް ކުރިއަށް ދިޔަ މިއަދުގެ އަޑުއެހުން ނިންމާލެއްވި އިރު، ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ސުވާލު ކުރައްވާނެ ކަމަށެވެ.