ވ. ފެލިދޫން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ނުދައްކާ ފަރާތްތަކުގެ އާއިލާތަކަށް ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް ކަނޑާލުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު ފެލިދޫގެ ކައުންސިލުން ވަނީ، އެ ރަށު ރައްޔިތުންގެ އާމްދަނީ އަށް ލިބެން ޖެހޭ ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް އެއްވެސް ހިދުމަތެއް ނުދޭން ނިންމައިފައެވެ. އެ ނިންމުން ހާމަކޮށް ކުރި އިއުލާނެއްގައި ފެލިދޫގެ ކައުންސިލުން ވަނީ ދެ ނިންމުމެއް ނިންމައިފައެވެ. އެއީ:
- ނޮވެމްބަރު އެކަކުން ފެށިގެން ފައިސާ ދައްކަން ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް
- އޭގެ ފަހުން ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު މަހަކު އެއް ފަހަރު އާންމުކުރުމަށް
އެ ރަށު ކައުންސިލުގެ ފަރާތެއް ނެރުނު ބަޔާނުގައި ވަނީ މި ނިންމުން ނިންމަން ޖެހުނު ސަބަބު ވެސް ހާމަކޮށްފައެވެ؛ އެއީ އެ ރަށު ރައްޔިތުންނަށް ލިބެން ޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް، އެ ކަމަށް އެކަށީގެންވާ ހައްލެއް ލިބިފައި ނެތުމެވެ. ކައުންސިލުން ބުނި ގޮތުގައި:
- ބައެއް މީހުން ކުލި ނުދައްކާތާ ތިން އަހަރުވެފައިވޭ
- ބައެއް މީހުން ކުލީގެ ގޮތުގައި 40 ހާސް ރުފިޔާ ދައްކަން ޖެހޭ
- ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިސް ފޮނުވަމުންދޭ
މި ނިންމުމާ ގުޅިގެން އެލްޖީއޭ އިން ވަނީ މައްސަލަ ބަލަން ފަށައިފައެވެ. އަދި އެޗްއާރުސީއެމުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ނިންމުން ބާތިލުކުރުމަށް ފެލިދޫ ކައުންސިލަށް އަންގައިފައެވެ.
އެހެންކަމުން މިއަދު ކުރި އިއުލާނުގައި ފެލިދޫގެ ކައުންސިލުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ. ނަމަވެސް ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކަށް ތިން މަހުގެ މުހުލަތެއް ދިނުމަށް ފަހު ނަންތައް އާންމުކުރަމުން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.