ވ. ބޮޑުފިނޮޅު ކުއްޔަށް ދިން މީހުންނަށް އެހެންތަނެއް ދިނުމަށް ފެލިދޫ ކައުންސިލުން ގޮވާލައިފިއެވެ.
ފެލިދޫ ކައުންސިލުން ބުނީ، ވ. ކޮޅުދިއްފުށީ ފަޅުގައިވާ ބޮޑުފިނޮޅަކީ ވ. އަތޮޅުގެ ގެސްޓްހައުސްތަކުންނާއި ސަރަހައްދުގެ ގެސްޓްހައުސްތަކުން އަދި ސަރަހައްދީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ހުރިހާ ފަރާތްތަކުން ބެނުން ކުރަމުންދާ ފިނޮޅެއް ކަމަށެވެ. އަދި މިއީ މި ގޮތަށް ވ. އަތޮޅުގައި އޮތް ހަމައެކަނި ފިނޮޅު ކަމަށެވެ.
އެ ފިނޮޅު ހިމެނޭ ވ. ކޮޅުދިއްފުށިފަޅު ވަކި ފަރާތަކަށް ކުއްޔަށް ދިނުމަކީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ފެލިދޫ ކައުންސިލުން ބުނެއެވެ. އެ ފަޅާއި ފިނޮޅަކީ ދަތުރު ދިއުމަށް އަދި ފަތުރުވެރިކަމުގެ އެޓްރެކްޗަނެއްގެ ގޮތުގައި ތަރައްގީކޮށް ބެލެހެއްޓުމަށް އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި "ފެލިދެ އަތޮޅުގެ ފަޅުރަށްތަކާއި، އަދި ފަރުތައް ބޭނުންކުރާނެ ގޮތުގެ ސިޔާސަތު"ގައި ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި އެ ޖަލްސާގައި ހެދި ޕޮލިސީ ޕޭޕަރާއި ރިސޯސް މެޕިން ވަނީ ރައީސް އޮފީހަށާއި ކަމާބެހޭ ދައުލަތުގެ ވުޒާރާތަކަށް ހިއްސާ ކޮށްފައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުގައި، އަތޮޅު ކައުންސިލުގެ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަން ވާނީ ނުވަތަ ތަރައްގީ ކުރަން ވާނީ އަދި އެހެން ފަރާތަަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުަށް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ނުހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ތަންތަން ބަލަހައްޓާނީ އަތޮޅު ކައުންސިލުން ކަމަށެވެ.
މިދިޔަ ސަރުކާރުން ވެސް ވ. އަތޮޅުގައި ފޮއްތެޔޮފަޅުގައި ގާތްގަނޑަކަށް ބައި ކިލޯމީޓަރުގެ ސަރަހައްދަަކަށް ގުޅިފައިވާ ފިނޮޅުތައް ހިމެނޭ "ހިނގާ ކުޅި ފިނޮޅު" ނުވަތަ "ދިއްގަރު ފަޅު" ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ރިސޯތް ތަރައްގީ ކުރަން ހުޅުވާ ތަންތަނުގެ ލިސްޓުގައި އެތަން ހިމަނާފައި ވުމުން ވެސް ފެލިދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.