ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އުމުރުން 24 އަހަރުގެ ޝަނަޔާ މިފަހަރު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ހިތްގައިމު ރިސޯޓު ފުށިފަރު މޯލްޑިވްސްގައެވެ. މީގެ ކުރިން މިއަހަރުވެސް ބަތަލާ ޝަނާޔާ ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު ޝަނާޔާ ހުރީ ޖޯލި މޯލްޑިވްސް ގައެވެ. ރާއްޖެ އައިސް ޝަނާޔާ ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން ބަތަލާ ބުނީ ހެނދުނުގެ ވަގުތު ބީޗުގައި ދުވެލެވޭތީ ވަރަށް އުފާވެ ހިތްހަމަޖެހޭ ކަމަށެވެ.

2021 ވަނަ އަހަރު ފިލްމު "ބޭދަޅަކް" އިން ފިލްމީދާއިރާ އަށް ނުކުންނަން ތައްޔާރުވެފައި ޝަނާޔާ ހުއްޓާ އެ ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނެވެ. އޭގެފަހުން ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ފިލްމުގެ މަސައްކަތް ފެށޭ ގޮތެއް ނުވެއެވެ. ބަތަލާ މިހާރު މަސައްކަތްކުރަމުން އަންނަނީ މަލަޔާލަމް ފިލްމު "ރުޝާބާ" ގައެވެ.

ސޯނަމް ކަޕޫރު، އަރުޖުން ކަޕޫރު އަދި ޖާންވީ ކަޕޫރުގެ ފަސްޓް ކަޒިން ޝަނާޔާ މިވަގުތު އަންނަނީ ބޮލީވުޑު ފިލްމެއްގައި ވެސް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެ ފިލްމާ ކުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ. ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ނެޓްފްލިކްސް ސީރީޒް "ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ބައިގެ ޝޫޓްކުރަން ޝަނާޔާގެ މަންމަ މަހީޕް ކަޕޫރު ވެސް ވަނީ މިދިޔަ އަހަރު ރާއްޖެ އައިސްފައެވެ. ޝަނާޔާގެ އާއިލާ އަކީ ފިލްމީ އާއިލާއެކެވެ.