އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ދީފައި ނުވާތީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ސާޖިދާ ހަމަޖައްސަން ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ނިންމި ނަމަވެސް އެ ވަޒީފާ ހަމަޖައްސައިދީފައެއް ނުވެއެވެ. އަދި ހަމައެހެންމެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ބުނެ އެ މަގާމަށް މީހަކު ހޯދުމަށް ފަހުން ވަނީ އިއުލާން ކޮށްފައެވެ.
އެކަމާ ގުޅިގެން ސާޖިދާ ވަނީ ސަރުކާރުގެ ނިންމުން ބާތިލްކޮށް އޭނާއަށް ވަޒީފާ ދިނުމަށް އަމުުރުކޮށްދިނުމަށް އެދިވަޑައިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅުއްވާފައެެވެ. ނަމަވެސް ވަޒީފާއާ ބެހޭ ޓްރިބިއުނަލް އިން ބުނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ޓްރައިބިއުނަލްގެ ނިންމުން ސާޖިދާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންވެސް މައްސަލަ ބަލައިނުގަތެވެ. ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވެސް ނިންމީ ހައި ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ.
ސާޖިދާ ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އޭނާއަށް އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނަރަލްގެ މަގާމު ސަރުކާރުން ނުދިނީ އޭނާއަކީ ޑރ. މުއިއްޒުގެ އަނބިކަނބަލުންނަށް ވާތީ ތަފާތު ކޮށްގެން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ތަފާތު ކުރި ގޮތް ސާޖިދާއަށް ވިދާޅުވެ ދެއްވިފައި ނެތް ކަމަށް ކަނޑައަޅާފައެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.