މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދިނުމަށް މި ސަރުކާރުން ހިންގާ ގެންދޮރުވެރިންގެ މަޝްރޫއުގެ ތެރެއިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުން ދޭ 4000 ފްލެޓްގެ ތެރެއިން 100 ފްލެތް ކަނޑައަޅާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް އަށް ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންނަށާއި މާލޭގައި 15 އަހަރށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ މީހުންނަށް ފްލެޓް ދޭން ނިންމައި މި ސަރުކާރުން ފްލެތަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިިދިޔަ އަހަރުގެ ޖޫން 26 ގައެވެ. އަހަރެއް ވީ ފަހުން ފްލެޓް ލިސްޓްގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ލިސްޓް އާންމު ކުރުމާ އެކު ގިނަ ބަޔަކު ޝަކުވާތައް ހުށަހަޅައި އިހުތިޖާޖު ކުރުމުން މިއަދު ހައުސިން މިނިސްޓްރީން ވަނީ ފްލެޓާ ގުޅުން ހުރި މައްސަލަތަކުގައި ޖަވާބުދާރީ ވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އަކްރަމް ވާހަކަ ދައްކަވަމުން ވަނީ ގެދޮރުވެރިޔާ ސްކީމުން ފޯމް ހުށަހެޅި މީހުންނަށް ދޭން ނިންމާފައި ވަނީ 3900 ހައުސިން ޔުނިޓް ކަމަށް ބުނެފައެވެ.

"4000 ފްލެޓަކީ ދެކޮޓަރީގެ ފްލެޓާ އެއްކޮށް. އޭގެތެރެއިން ކުރިން ވެސް ކަނޑައަޅާފއި އިންނާނެ 100 ފްލެޓް ކަސްޓަމްއަށް ކަނޑައަޅާފަ. ދެން ބާކީ ބަހާލެވިގެން،"
ހައުސިން މިނިސްޓްރީގެ ސްތޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވީ، މާކުރިން ވެސް އެ މަޝްރޫއިން ދޭން ނިންމާފައިވާ 4000 ހައުސިން ޔުނިޓްގެ ތެރެއިން 100 ހައުސިން ޔުނިޓަކީ ކަސްޓަމްސްއަށް ކަނަޑާއަޅާފައިވާ ހައުސިން ޔުނިޓް ކަމަށެވެ. އެހެންކަމުން އެ ބައި އުނިކޮށް ބާކީ މި ސްކީމްގެ ދަށުން ހައްގުވެރި ފަރާތްތަކަށް ދޭނެ ކަމަށެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާ އިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ކަސްޓަމްސް އާއި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓް ދެއްވާނެ ކަމަށެވެ. އެގޮތުން އެ ދުވަހު ވަނީ ކަސްޓަމްސް ގައި މަސައްކަތް ކުރާ މީހުންނަށް ވީ ވައުދުފުޅު ފުއްދެވުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ޔުނިވާސިޓީ އާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވީ ވައުދުފުޅުތަކާ އެއްގޮތަށް އެ ފްލެޓްތައް ވެސް ދީ ލިޔުން ހަވާލު ކުރައްވާނަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

4000 ފްލެޓް މައްސަލައިގައި އާންމުން ޝަކުވާ ހުށަހަޅަމުން ދާތީ ހައުސިން މިނިސްޓްރީން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފްލެޓްގެ ދާއިމީ ލިސްޓާ ގުޅީގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 2900 ޝަކުވާ ހުށަހަޅާފައިވާ ކަަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެއީ 3 ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ 2000 ޝަކުވާ އާއި 2 ކޮޓަރީގެ ފްލެތަށް ހުށަހަޅާފައިވާ 900 ޝަކުވާއެވެ.

ފްލެޓްގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށާއި އެ މަސައްކަތް މަޑުޖައްސާލުމުގެ އެއްވެސް ގަސްތެއް ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިހުމާލުވާ ފަދަ ކަމެއް ނުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 20،000 މީހުން ފޯމް ހުށަހަޅާފައިވާ އިރު، 3 ކޮޓަރީގެ ފްލެޓް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 ޕޮއިންޓުން މަތިން މާކްސް ލިބިފައިވާ މީހުންނަކީ 3900 ފްލެޓް ޔަގީންވާ މީހުންނެވެ. އަދި 2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންތާށް ވުރެ މަތިން މާކްސް ލިބޭ މީހުންނަކީ 3900 ފްލެޓް ލިބޭ މީހުންނެވެ.