މި ސަރުކާރުން މާލެއިން ގޯއްޗާއި ފްލެޓް އެންމެ ހައްގުވެރި ފަރާތްތަކަށް ދޭނެ ކަމަށް ބުނެ ހިންގި ހައުސިން މަޝަރޫއު، ގެދޮރުވެރިންގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން 4000 ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކޮށްފައި ވަނީ މި ހަފްތާ ތެރޭގައެވެ. އެ ލިސްޓް އިއުލާން ކުރުމާއެކު ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެގެން ދިޔައީ ފުރަތަމަ ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނެފައިވާ ގިނަ ބަޔަކު ފްލެޓް ލިބޭނެ ކަމުގެ އުންމީދުގައި ތިއްބާ، ނެރުނު ދާއިމީ ލިސްޓުން ޝަރުތު ހަމަވާ 13000 މީހުންގެ ތެރެއިން ޕޮއިންޓް އެންމެ މަތިން ލިބުނު 4000 މީހުންނަށް ފްލެޓް ދޭން ނިންމުމުންނެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައުސިން މިނިސްޓްރީ ތެރެއަށް ވަދެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެއާއެކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް ފްލެޓް ދިނުމުގައި މި ސަރުކާރުން ބޭއިންސާފުން އަމަލުކޮށްފައިވާ ކަަމަށް އެތައް ބަޔަކު ތުހުމަތު ކުރަން ފެށިއެވެ. އެ ގޮތުން މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ފްލެޓް ނުދީ 15 އަހަރު އުޅެފައި ތިބި މީހުންނަށް ފްލެޓް ހައްގުވީ ކީއްވެތޯ އެތައް ބަޔަކު އަހަމުން ދިޔައެވެ.
މީގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންގެ އާއިލާ މެންބަރުންނަށާއި، މަޖިލީސް މެންބަރުންގެ އާއިލާ މެންބަރުންނަށް ފްލެޓް ދީފައިވާ ކަަމަށާއި އަދި ކުރިން ފްލެޓް ލިބިފައިވާ ނުވަތަ އެމީހެއްގެ ނަމުގައި ގޯއްޗެއް އޮތް މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމުގެ ޝަކުވާތައް ބަންޑުން ކުރަމުން ދިޔައީ ގެދޮރުވެރިންގެ މަޝްރޫއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ.
މި ޝަކުވާތަކުގެ އަޑުތައް ގަދަވުމާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހައުސިން މިނިސްޓްރީން ހިންގާ މި މަޝްރޫއު މަޑުޖައްސާލަން ބުނެފައެވެ. އޭގެފަހުން ހައުސިން މިނިސްޓްރީން ވަނީ ފްލެޓަށް ކުރިމަތިލީ ފަރާތްތަކަށް މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. އެއާއެކު މިއަދު އެ މިނިސްޓްރީން ޕްރެސް ކޮންފަރެންސެއް ބާއްވައި ރައްޔިތުންގެ މި ޝަކުވާތަކަށް ޖަވާބުދީފިއެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހާ ހަމައަށް އޮތް ނަމަވެސް، މިހާތަނަށް ހައުސިން މިނިސްޓްރީއަށް 3 ކޮޓަރީގެ ފްލެޓްތަކާ ގުޅިގެން 2000 ޝަކުވާ އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 900 ފަރާތެއް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ޝަކުވާތަކަށް މަތިމަތިން ބަލާލި ކަމުގައި ވިޔަސް މާ ސީރިއަސް މައްސަލައެއް އަދި ޝަކުވާގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ. އާންމުކޮށް މީހުން ހުށަހަޅާފައި ވަނީ އެމީހަކު މާލޭގައި ދިގު މުއްދަތެއްގައި ދިރިއުޅުމުން ޕޮއިންޓް މަދުވި، ޝަކުވާތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އުސޫލުގައި މާކްސް ދިނުމަށް ބަލާފައިވާ ކަންކަން:
އުސޫލުގައި ފޯމް ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތަކަަކަށް ބަލާއިރު މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް ކަމުގައި ވުމާއި މާލެއިން 600 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް އޮތް މީހަކަށް ވުން ހިމެނެއެވެ. ޝަރުތުގައި މިހެން އޮތް ނަމަވެސް މާކްސްދޭ ބައިގައި މާލޭގައި ދިރިއުޅޭ މުއްދަތަކަށް ނުބަލައެވެ. އެހެންވީމައި 15 އަހަރަށް ވުރެ ދިގު މުއްތަކަށް އުޅުނަސް އެއީ ޕޮއިންޓެއް ލިބޭ ކަމެއް ނޫނެވެ. ނަމަވެސް ޝަރުތުގައި ބުނާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް އޮންނަ މީހެއް ނަމަ އެމީހަކަށް 25 މާކްސް ލިބެއެވެ. އެހެންކަމުން މީހަކު 20 އަހަރު ނުވަތަ 40 އަހަރު މާލޭގައި އުޅެފައި ވިޔަސް މާކްސް އިތުރެއް ނުވެއެވެ. އެހެންވެއްޖެ ނަމަ މާކްސް ދީފައި ވަނީ ކޮންކޮން ކަމަކަށް ބަލައިގެން ތޯ ބަލާލަމާ ހިނގާށެވެ.
ޕޮއިންޓް ދިނުމުގައި މައިގަނޑު 6 ކަމަށް ބަލާފައި ވާ ކަމަށް ގެދޮރުވެރިޔާ އުސޫލުގައި ބުނެއެވެ. އެ ކަންކަމަކީ ބޯހިޔާވަހިކަމުގެ ހާލަތު ބަލުމަށް މައި-އެޕްލިކަންޓުގެ ނަމުގައި އަދި ކޯ-އެޕްލިކަންޓުގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް އޮތްތޯ ބެލުމާއި، މައި-އެޕްލިކަންޓުގެ 18 އަހަރުން ދަށުގެ ދަރިންގެ އަދަދުން ޕޮއިންޓް ދިނުމާއި، ދިރިއުޅުމުގެ ހާލަތު ބެލުމަށް ނިދާ ކޮޓަރި ބޭނުން ކުރާ މީހުންނާއި، ބަދިގެއާއި ލިވިންއޭރިއާގެ ބޮޑުކުޑަ މިނާއި، އެއް ފާހާނާ ބޭނުން ކުރާ މީހުންގެ އަދަދަށް ޕޮއިންޓް ދިނުން ހިމެނެއެވެ. މީގެ އިތުރުން ފޯމް ހުށަހަޅާ ފަރާތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ އެފަދަ މީހަކު ބަލާ މީހަކަށް މައި-އެޕްލިކަންޓް ވާ ނަމަ ވެސް މާކްސް އިތުރުވެއެވެ.
ފްލެޓަށް ހުށަހެޅި ފޯމްތަކަށް މާކްސް ދީފައިވާ މިންގަނޑުތައް:
- މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު، ބޯހިޔާވަހިކަމެއް ނެތުން - 25 ޕޮއިންޓް
- 18 އަހަރުން ދަށުގެ ދަރިންގެ އަދަދު 1-2 ދަރިން ތިބުން - 12 ޕޮއިންޓް
- 18 އަހަރުން ދަށުގެ ދަރިންގެ އަދަދު 3-4 ދަރިން ތިބުން - 17 ޕޮއިންޓް
- 18 އަހަރުން ދަށުގެ ދަރިންގެ އަދަދު 5-6 ދަރިން ތިބުން - 23 ޕޮއިންޓް
- 18 އަހަރުން ދަށުގެ ދަރިންގެ އަދަދު 7 ނުވަތަ އެއަށް ވުރެ ގިނަ - 25 ޕޮއިންޓް
- ދިރިއުޅެނީ އެކަނި ނުވަތަ ދެމަފިރިން ވަކިން ނަމަ - 5 ޕޮއިންޓް
- ދެމަފިރިން ނޫން 2 މީހުން އެއް ކޮޓަރީގައި ނިދާ ނަމަ - 16 ޕޮއިންޓް
- ދެމަފިރިންނާއި 5 އަހަރުން ދަށު ެގ ދަރިއެއް ފިޔަވައި 3 މީހުން އެއް ކޮޓަރީގައި ނިދާނަމަ - 21 ޕޮއިންޓް
- 4 މީހުން އެއް ކޮޓަރީގައި ނިދާނަމަ - 23 ޕޮއިންޓް
- 5 މީހުންނަށް ވުރެ ގިނަ މީހުން އެއް ކޮޓަރީގައި ނިދާނަމަ - 25 ޕޮއިންޓް
- ދިރިއުޅޭ ތަނުގައި ނިދުމަށް ހާއްސަ ކޮޓަރިއެއް ނެތްނަމަ - 25 ޕޮއިންޓް
- ބަދިގެ އާއި ލިވިން އޭރިޔާ 180 އަކަފޫޓަށް ވުރެ ބޮޑު ނަމަ - 0 ޕޮއިންޓް
- ބަދިގެ އާއި ލިވިން އޭރިއާގައި 90 އަކަފޫޓާއި 180 އަކަފޫޓު ހުންނަ ނަމަ - 4 ޕޮއިންޓް
- ބަދިގެ އާއި ލިވިން އޭރިއާ 90 އަކަފޫޓަށް ވުރެ ކުޑަ ނަމަ - 8 ޕޮއިންޓް
- ކައްކައި ނިދަނީ 1 ކޮޓަރިއެއްގައި ނަމަ - 12 ޕޮއިންޓް
- ދެމަފިރިން ނުވަތަ އެކަނި ދިރިއުޅޭ ފަރާތަށް ވަކި ފާހާނާ - 0 ޕޮއިންޓް
- ދެމަފިރިންނާއި 5 އަހަރުން ދަށުގެ ދަރިން ފިޔަވައި 2 މީހުންނަށް އެއް ފާހާނާ - 4 ޕޮއިންޓް
- 3 މީހުން ނުވަތަ 4 މީހުންނަށް 1 ފާހާނާ - 6 ޕޮއިންޓް
- 5 މީހުން ނުވަތަ 6 މީހުންނަށް 1 ފާހާނާ - 8 ޕޮއިންޓް
- 6 މީހުންނަށްވުރެ ގިނަ މީހުންނަށް 1 ފާހާނާ - 13 ޕޮއިންޓް
- މައި-އެޕްލިކަންޓަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނަމަ، ނުވަތަ އެ ފަދަ ފަރާތެއް ބަލާނަމަ - 10 ޕޮއިންޓް
ސޯޝަލް މީޑިއާގައި ވެސް އަދި ހައުސިން މިނިސްޓްރީއަށް އެއްވި މީހުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ މާލޭގައި އުޅެ 15 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ވިޔަސް އެއީ ޕޮއިންޓް ދޭ ބައެއް ނޫނެވެ. އެހެން ކަމުން އެމީހުން މި ފަހަރު ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނެއެވެ. މި ޝަކުވާތައް ގިނަވަމުން އަންނާތީ ހައުސިން މިނިސްޓްރީން ވަނީ ކޮންމެ އެޕްލިކަންޓަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ރިޕޯޓެއް ޕޯޓަލުން ފެންނާނެ ގޮތަށް ހަމަޖައްސަން ނިންމާފައެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެ ރިޕޯޓް އާންމު ނުކުރި ނަމަވެސް އެމީހަކަށް ލިބުނު މާކްސް ދީފައިވާ ގޮތް އަމިއްލައަށް ވެސް ބަލާލެވޭނެ ކަމަށެވެ. އެގޮތުން އެމީހަކު ފުރާފައި ހުށަހެޅި ފޯމް ޕޯޓަލް އިން އަދިވެސް ފެންނަން ހުންނާނެ ކަމަށާއި، އެ ފޯމްގައި އެމީހަކު ދިން މައުލޫމާތަށް ބަލައި އުސޫލުގައި ބަޔާންކޮށްފައިވާ ޕޮއިންޓް ދޭ ގޮތުގެ މިންގަނޑުތަކަށް ބަލައިގެން އަމިއްލައަށް މާކްސް ހިސާބު ޖެހޭނެ ކަމަށެވެ. ޕޯޓަލް އިން އެ އުސޫލު ފެންނަން އަދިވެސް ހުންނާނެއެވެ. އެގޮތަށް ބަލާއިރު މާކްސް ދީފައިވާ ގޮތުގެ މައްސަލަ އެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު ޝަކުވާ ހުށަހެޅުމުގައި ހުށަހެޅޭނީ އެންމެ ޝަކުވާއެއް ވެސް ނޫނެވެ. ބޭނުން ވަރަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އެހެން މީހެއްގެ އެޕްލިކޭޝަންއަކާ ގުޅިގެން ވެސް ޝަކުވާ ހުށަހެޅިދާނެ ކަަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެ ހާލަތުގައި އެ ޝަކުވާތަކަށް ބަލައި ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފްލެޓަށް އެދި ފޯމް ހުށަހެޅި އިރު، އެ ފޯމަށް ދީފައިވާ މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް އެއްބަސްވެ އިގްރާރެއްގައި ސޮއި ކުރަން ޖެހެއެވެ. އެހެންކަމުން ހުށަހަޅާ ޝަކުވާތަކަށް ބަލައި އެޕްލިކަންޓަކު ދޮގު މައުލޫމާތު ދީފައިވާ ނަމަ، އެ އެޕްލިކޭޝަނެއް ބާތިލް ކުރެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ދާއިމީ ލިސްޓް އާންމު ކުރި އިރު، އެ ލިސްޓުގައި ފްލެޓަށް އެދި ފޯމް ހުށަހެޅި ދެމަފިރިން އެބަ ތިބި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ފްލެޓް ދޭ އިރު، އެ ފަރާތްތައް ހާޒިރުކޮށް ދެމީހުންގެ ނަމުގައި ފްލެޓެއް ދޭން ނިންމާނެ ކަމަށާއި އޭރުން ފްލެޓް ދޫކުރަން ނިންމި 4000ގެ ލިސްޓުން ބައެއް މަދުވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
މާކްސް ދީފައި ވަނީ ފޯމަށް ދީފައިވާ މައުލޫމާތަށް ބަލައިގެން ކަމަށް ބުނާ އިރު، ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ނުދިޔައީ ކީއްވެތޯ އަކީ ވެސް ބައެއް ފަރާތްތަކުން ކުރާ ސުވާލެކެވެ. ދިރިއުޅުމުގެ ހާލަތު ނުބަލައި ފުރާފައިވާ ފޯމަކުން ހާލަތު ދެނެގަނެވޭނެ ކަމަށް އާންމުން އުފައްދަމުން ދިޔަ ސުވާލަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ޖަވާބެއް ދީފައެވެ.
އެގޮތުން ހުށަހެޅި 20،000 ފޯމްގެ ތެރެއިން ސާމްޕަލިންއަށް 3500 އެއްހާ ފޯމް ނަގައިގެން ގޭގެއަށް ގޮސް ބެލި ކަމަށާއި، ބަލާފައި ވާނީ އެމީހުން ފޯމްގައި ދީފައިވާ މައުލޫމާތުތައް ދިމާވަނީ ކިހާވަރަކަށް ތޯ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ފްލެޓް ލިސްޓް އިވެލުއޭޓް ކުރަން ފަށާފައި ވަނީ މި ސްކީމަށް ހުޅުވާލިތާ އަހަރެއް ފަހުން ކަމަށެވެ. އާންމުކޮށް ހާލުގައި ދިރިއުޅެމުން އަންނަ ގިނަ މީހުންނަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުން ކަމުން އިވެލުއޭޓް ކުރަން ދިޔައިރު، ފޯމް ލީ އިރު ހުރި އެޑްރެސް ވަނީ ބަދަލުވެފައި ކަން ފާހަގަ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ދިިރއުޅުމުގެ ހާލަތު އެހެން ބެލުމަކީ ދަތި ކަމެއް ކަމަށްވެސް ބުނެއެވެ.
4000 ފްލެޓް ދޭން މި ބުރުގައި ނިންމި ނަމަވެސް ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 13000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެގޮތުން ފްލެޓް ލިބޭ މީހުންނަކީ 3 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ މީހުންނެވެ. އަދި 2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައި މީހުންނެވެ.
ޝަރުތު ހަމަވާ މީހުންގެ ތެރެއިން މި ބުރުގައި ފްލެޓް ނުލިބޭ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން ސްކީމްގެ ތެރެއިން ފްލެޓް ދޭނެ ކަމުގެ ލިޔުން ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ. މި ލިޔުން ދޭނީ މިހާރު ފްލެޓަށް ޝަކުވާ ހުށަހަޅާއި ނިމި، ދާއިމީ ލިސްޓަށް ބަދަލެއް އަންނަ ނަމަ އެ ބަދަލަކަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސީދާ އެކަމަށް ހޭދަވާނެ މުއްދަތެއް ހާމައެއް ނުކުރެއެވެ.