ކުރީ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް މުރާޖާ ކުރުމަށް ފަހު ނެރުނު ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު ޖުމްލަ 8602 ޝަކުވާ ހުށަހަޅާފައިވާ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ނެރުނު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޝަރުތު ހަމަވާ ކަމަށް އޮތީ 1820 މީހުންނެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައި ވަނީ ރޭ 11:59 އަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، ޖުމްލަ 8602 ޝަކުވާ ހުށަހަޅާފައިވާ ކަަމަށެވެ. އޭގެތެރެއިން 5236 ޝަކުވާ ހުށަަހަލާފައި ވަނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި 2840 ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައި ވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފްލެޓް ނުލިބޭ މީހުންގެ ޝަކުވާތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ލިބުނު ޝަކުވާތަކުގައި ފްލެޓް ނުލިބޭ މީހުންގެ ޝަކުވާ އަދި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މުއްދަތު ހަމަވުމަށްފަހު މިނިސްޓްރީން އެންމެ މުހިންމު އިސް ކަމެއްދޭނީ ޝަކުވާތަށް ބަލާ ނިންމުމަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.