މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މާލޭގައި 1360 ފްލެޓް އަދި ހުޅުމާލެ އާއި ގުޅިފަޅުގައި 4600 ފްލެޓް އަޅަން ނިންމާފައިވާ ކަމަށް ރައިސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު އެންމެ ގިނަ ވައުދު ވެވަޑައިގެން އަދި އެންމެ އިސްކަމެއް ދެއްވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، ބޯ ހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށެވެ. މުޅި ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ހުރިހާ ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ/މާލެހިޔާ ސަރަހައްދުގައި ފްލެޓް އިމާރާތް ކުރުމާއި މާލެ ސަރަހައްދުގައި އިތުރު 4600 ފްލެޓް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ސިނަމާލެ/މާލެހިޔާ ފްލެޓްތަކަށް އިމާރާތް ކުރާނީ 4، 3 އަދި 2 ކޮޓަރި ހިމެނޭހެން ޖުމްލަ 1360 ފްލެޓް ކަމަށެވެ. މިހާރު ސިނަމާލެ/މާލެހިޔާ ފްލެޓްތަކުގައި ތިބި މީހުންނަށް ހާއްސަކޮށް ފުރަތަމަ ދެ ޓަވަރެއް އަޅަނީ އެތަންތަން ބާވެފައި ހުރުމުން ކަމަށާއި އަދި އެތަނަށް މީހުން ބަދަލުވީމައި ކުރީގެ ބާ އިމާރާތް ތަޅާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު އެތަނުގައި އަނެއްކާ ފްލެޓް އާ އިމާރާތްތަކެއް އެޅިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އިތުރު 4600 ފްލެޓް އިމާރާތް ކުރަން ނިންމާފައިވާ އިރު އެއީ އިންޑިއާގެ އެލްއޯސީގެ ތެރެއިން 4200 ޔުނިޓް އަޅަން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައުދީ ފަންޑުގެ އެހީގެ ދަށޫން 400 ޔުނިޓް އަޅަން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ތެރެއިން ސައުދީ ފަންޑުގެ އެހީގައި އަޅާ ފްލެޓްތައް އަޅަނީ ހުޅުމާލެ ފޭސް 2 ގައެވެ. އިންޑިއާ އެހީގައި އަޅާ 4200 ފްލެޓް އަޅާނީ ހުޅުމާލެ ނުވަތަ ގުޅިފަޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށް މިއޮތް 3 އަހަރު ދުވަހު ބޯހިޔާވަހިމުގެ މަޝްރޫއުތައް ހިންގާނެ ސަރަހައްދުތަކުގެ ޗާޓެއް ދައްކަވާލައްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ކުރިއަށް ދާނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށާއި މިހާރު ވެސް ބައެއް މަޝްރޫތައް ފެށުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ހިންގާނެ ފިސްކަލް ހައުސިން ޕްރޮޖެކްޓްސް މި ޗާޓުން ފެނިގެން ދާނެ ކަމަށާއި މީގައި އެހީގައި ހިންގާ ޕްރޮޖެކްޓްސް ނުހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.