ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކުރުގައި ބަލާނީ މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި އާންމު ކުރި ފްލެޓް ލިސްޓަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފައި ވަނީ އެ ދައުރު ނިމުމާ ގާތްވެފައި ވަނިކޮށެވެ. އެ ލިސްޓް އާންމު ކުރި އިރު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރެ އެ މައްސަލައިގައި އޭސީސީން ވަނީ ފްލެޓް ލިސްޓްގައި ހުރި މައްސަލަތައް ބަލައި އެ މަސައްކަތް ވަގުތީ ގޮތުން އޭރު ހުއްޓާލުމަށް އެދިފައެވެ. މަސައްލަ ބަލައި ތަހުގީގު ކުރުމަށް ފަހު ހައުސިން މިނިސްޓްރީއާ ރިޕޯޓް ހަވާލު ކުރުމަށް ފަހު ފްލެޓް ލިސްޓް އާންމު ކުރުމަށް އެތައް ތާރީހުތަކެއް މިދިޔަ އަހަރު ތެރޭ ސަރުކާރުން ވަނީ ދީފައެވެ.

އެއަށް ފަހު މި ސަރުކާރުން އާ ފްލެޓް ލިސްޓެއް އިއުލާން ކޮށްފައި ވަނީ މިދިޔަ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. އެއަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލި އިރު މުއްދަތު ހަމަވި އިރު ވަނީ 8602 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ލިބުނު ޝަކުވާތަކަށް ބަލާއިރު، ގެދޮރުވެރިންގެ ސްކީމަށް ހުޅުވާލައި ފޯމު ހުށަހަަން މިދިޔަ ސަރުކާރުން ހުޅުވާލި މުއްދަތު ކުރު ކަމުން 15 އަހަރު ދުވަހު މާލޭގައި ދިރިއުޅުނު ބައެއް ކަން ސާބިތުކޮށް ދިނުމަށް ލިޔުން ހުށަހެޅުމުގައި ދަތިތަކެއް ހުރި ކަން ފާހަގަވެފަިއވާ ކަމަށެވެ. އެހެންކަމުން ފޯމު ހުށަހަޅަން ދިން މުއްދަތަކީ އެކަށީގެން ވާ މުއްދަތަކަށް ނުވާތީ މިކަންކަން ބަލައިފި ނަމަ ފްލެޓް ލިބެން ހައްގުވާ އެތައް ބަޔަކަށް ފްލެޓް ނުލިބޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން ފްލެޓް ދޭނީ ކުރީ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި އާންމުކުރި ފްލެޓް ލިސްޓާ އެއްގޮތަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ނަމަވެސް އެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރާނެ ކަމަށާއި ޝަރުތު ހަމަނުވުމުގައި ބަލާނެ މައިގަނޑު ކަންތައްތަކެއް އެބަހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އެ ލިސްޓަށް އަމަލު ކުރުމުގައި އޭސީސީން އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނެރެފައިވާ ފްލެޓަށް އެދި ހުށަހެޅުމުގެ އުސޫލު ނަންބަރު 3 ގައިވާ ގޮތުގެ މަތިން އެ ލިސްޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނި ކުރެވޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މާލޭގައި 15 އަހަރު ދުވަހު ދިރިއުޅުނުކަން ސާބިތުކޮށް ދިނުމަށް އޮތް ދަތިކަމަށް ބަލައި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލީ ތާރީޙް ޖޫން 26، 2022 އިން ބަލާއިރު، 2007 ގެ ކުރީގެ ތާރީހެއްގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން އެނގޭ ފަރާތްތަކާއި، އަދި އެފަރާތްތައް އެ މުއްދަތުގެ ތެރޭގައި އެހެން ރަށަކަށް ހިޖުރަކޮށް އުޅެފައިވާ ކަން ސާބިތުކޮށް ނުދެވޭ ފަރާތްތައް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު ފަރާތްތައް ގޮތުގައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މިހެން ބަލަން ނިންމި މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގައި ކަންކަން ހުންނަ ގޮތުން މާލެއަށް ދިރިއުޅުން ހިޖުރަ ކުރާ މީހުން އަންބުރާ ރަށަށް ދިއުމަކީ ވަރަށް މަދުން ނޫނީ ފެންނަ ކަމަކަށް ނުވާތީ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ފްލެޓް ދިނުމުގައި ޝަރުތު ހަމަވޭތޯ ބެލުމަށް ބަލާ ކަންކަން:

  • 15 އަހަރު މާލޭގައި ދިރިއުޅެފައިވާ މީހެއްތޯ ބެލުން، އެގޮތުން 2007 ގެ ކުރީ އަހަރަކުން ފެށިގެން މާލެއަށް ހިޖުރަކޮށް ދިރިއުޅެފައިވުން
  • ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހެއް ކަމުގައި ނުވުން. ފްލެޓް ލިބޭނީ ލިބުނު ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ.
  • ފޯމު ހުށަހެޅި އިރު ހުށަހެޅި މައުލޫމާތަކީ ސައްހަ މައުލޫމާތެއް ކަން ސާބިތު ނުވާނަމަ، އަދި ހުށަހަޅާފައިވާ އެއްވެސް ލިޔުމަކީ ސައްހަ ލިޔުމެއް ކަން ސާބިތު ނުވުން.
  • ފްލެޓް ލިސްޓުގައި ހިމެނޭ މީހަކު ހުށަހަޅާފައި ވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ބުނެ އެހެން ފަރާތަކުން ހުށަހަޅާ ޝަކުވާއެއް ސާބިތުވާ ނަމަ އެ ފަރާތެއް އުނިކުރެވޭނެ
  • ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ދެމަފިރިން ހިމެނޭ ނަމަ ފްލެޓް ލިބޭނީ އެތަނުން އެކަކަށް

މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި އިއުލާން ކުރި ލިސްޓުގައި ހިމެނޭ ފަރާތެއް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅޭނީ މަތީގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ އޭނާއަށް ފްލެޓް ނުލިބޭ ކަން އަންގައި އެފަރާތައް އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށް ފަހުގައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ހަމައެއާއެކު އެ ލިސްޓާ އެއްގޮތަށް ފްލެޓް ނަންބަރު ގުރުއަތު ނަގާފައިވާ ފަރާތެއްގެ ފްލެޓް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައެޅޭނީ، އެފަރާތަކަށް ފްލެޓް ނުލިބޭ ސަބަބު އަންގައި އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށް ފަހު، ފްލެޓް ނުލިބޭ ކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

އަދި މި ހާލަތުގައި ފްލެޓް އެހެން ފަރާތަކަށް ދޭ އިރު ދޭނީ ނޮވެމްބަރު 15، 2023 ގައި ނެރުނު ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މީހަކަށް ކަމަށާއި، އެ ލިސްޓުގެ ބޭރުން މީހަކަށް ފްލެޓް ނުދޭނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.