ކުރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.3 ކިލޯގްރާމުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ކުރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތަކެއް ބަލައިފާކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ތަފާތު ފަސް މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އަދި ހަތަރު މައްސަލައެއްގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާފައި ކަސްޓަމްސްއިން ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މީގެ އިތުރުން އެއް މައްސަލަައިގައި ފެނިފައިވާ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނީ، މި ފަސް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 2.389 ކިލޯގްރާމް ހުރި ކަމަށާއި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޕޯސްޓް މެދުވެރިކޮށް މި ފަދަ ގޮތްގޮތަށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.