ބޮލީވުޑްގެ ރަސްގެފާނަކީ މިއަދުވެސް ޝާހްރުކް ހާންއެވެ. އެކަމާ މެދު ދެބަސްވާނެ ބަޔަކު އުޅޭނެހެން ހީއެއް ނުވެއެވެ. ފަހުގެ ތާރީހެއްގައި އެއް އަހަރަކު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ދޫކޮށްލި ތަރިއަކަށް ޝާހު ވެގެން ދާނެއެވެ. މިއަހަރު އޭނާގެ ފިލްމު "ޕަތާން" އަދި "ޖަވާން" ދެއްކިއިރު އަންނަ މަހު އޭނާގެ "ޑަންކީ" ރިލީޒް ކުރާނެއެވެ. ޝާހް ބުނީ "ޑަންކީ" އަކީ އޭނާގެ އެންމެ މޮޅު ފިލްމަށް ވެގެން ދާނެކަމަށެވެ. ފިލްމު "ޖަވާން" ބެލުމަށްފަހު އެ ފިލްމު ވަރަށް ރީތިވެއްޖެއެވެ. "ޑަންކީ" އެހާ ރީތިވާނެބާވައޭ ވެސް ހިތައް އެރިއެވެ. އެކަމަކު ޝާހު ވިއްޔާއެވެ. ވާސަޓައިލް އެކްޓަރެކެވެ. ފިލްމު "ޖަވާން" އިން ޝާހު ސާބިތުކޮށް ދިނީ މިއަދުވެސް މުޅި ބޮލީވުޑްގެ އެންމެ މޮޅު ތަރިއަކީ އޭނާ ކަމެވެ.

  • ތަރިން

ޝާހްރުކް ހާން (އާޒާދު/ ވިކްރަމް)، ނަރްމެންދުރާ (ނަޔަންތުރާ)، ވިޖޭ ސެތުޕާތީ (ކާލީ)، ސާންޔާ މަލްހޮތްރާ (ޑރ އިރަމް)، ޕްރިޔަމާނީ (ލަކްޝްމީ)، ރިދީ ދޯގްރާ (ކާވެރީ)، ލެހެރް ހާން (ކަލްކީ)، އާލިއާ ގުރޭޝީ (ޖާންވީ) އަދި ދީޕިކާ ޕަޑުކޯން (އައިޝްވާރްޔާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެން އަންނަނީ އިންޑިއާގެ ސިޓީއެއްގައި ވަރަށް ކުރިން ހިނގި ހާދިސާއަކުންނެވެ. ދެމައިން މަސައްކަތުގައި އަވަދިނެތި އުޅެމުން ދަނިކޮށް ދަރިފުޅަށް މޫދުން އިންސާނެއްގެ ހަށިގަނޑު ފެނެއެވެ. އެމީހުން އޭނާ ސަލާމަތް ކޮށްގެން އެ އަވަށަށް ގެންދާ މަންޒަރު ފިލްމު ފެށޭއިރު ފެނިގެންދެއެވެ. އެއީ ކޮން މީހެއްކަން ފިލްމު ކުރިއަށްދާ ވަރަކުން ހާމަވެގެންދާނެއެވެ. ފިލްމުގެ މައިގަނޑު ކެރެކްޓާ އާޒާދު އަކީ ވަރަށް ވަރުގަދަ ސްޕެޝަލް ފޯސްގެ އޮފިސަރެކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އަޅާލަން ދަންނަ ފިރިހެނެކެވެ. ކުޑައިރު މައިންބަފައިން މަރުވުމާ ގުޅިގެން އާޒާދު ގެންގުޅުނީ އޭނާގެ މަންމަގެ އެންމެ ގާތް އެކުވެރިޔާއެވެ. އާޒާދު އަކީ އަންހެނުންނަށް ހާއްސަކޮށްފައި ހުންނަ ޖަލަށް ވަރަށް ހާއްސަ މީހެކެވެ. އެތަނަށް އޭނާ ނުކޮށްދޭ ކަމެއް ނެތެވެ. ގައުމުގެ ބޮޑުން އިލެކްޝަން އަންނައިރަށް ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކުރާ ކުރުން އާޒާދު ހާމަކޮށްލައެވެ. ނިކަމެތި ރައްޔިތުންނަށް ގައުމުގެ ބޮޑުން ހަދާ ގޮތް ހާމަކުރެއެވެ. އިންސާފު ނުލިބި، ބިކަވެފައިވާ ނިކަމެތި އެތައް ރައްޔިތުންނަށް އާޒާދު ހިމާޔަތްދީ އެކަމުން އޭނާ ސަލާމަތްކޮށްދެއެވެ. އެ ހުރިހާ ކަމެއްގައިވެސް އޭނާ އަށް އެހީތެރިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައިވާ ހަ އަންހެނުންނެވެ. އެ ހަ އަންހެނުންނަކީ ވެސް ގައުމުގެ ބޮޑުންގެ ސަބަބުން، ކޮންމެވެސް ދޮގު ތުހުމަތުތަކެއް ބޮލުގައި އެޅި، ޖަލަށް ލާފައި ތިބި މީހުންނެވެ. އެ މީހުންގެ އަތުގައި ހިފައިގެން އެމީހުންނަށް އިންސާފު ހޯދައިދޭން އާޒާދު މަސައްކަތްކުރަމުން އަންނައިރު އިންޑިއާގެ އަވަށްތަކުގައި ތިބޭ މީހުންނަށް ވެސް އޭނާ އެހީތެރިވެއެވެ.

ގައުމުގެ ބޮޑުންނަށް ލިބޭ ބޮޑު މުސާރައިން ކުރާ ކަންތައްތަކާއި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ކޮށްފައި ހުރިހާ ކަމެއް އާޒާދު ބޭޒާރުކޮށްލައެވެ. އެކަން އާޒާދު ކުރަނީ ބްލެކްމެއިލްކޮށްގެންނެވެ. ނާއިންސާފުން ކަންތައްކޮށްފައި ތިބި މީހުން އެމީހުން ކޮށްފައިވާ ކަންކަމަށް އިއުތިރާފް ވުމުން އާޒާދުގެ މަސައްކަތް ނިމުނީއެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި އާޒާދުގެ އަމިއްލަ ވާހަކައެއް އޮވެއެވެ. ޝައުގުން ފުރިގެންވާ ވާހަކައެކެވެ. އޯލުވާލައިގެން ބާރުގެ ބޭނުންކޮށްގެން ޖަލަށް ލާފައިވާ އަންހެނެއް ދަންޖައްސަށް އުޅުމުގެ ތެރޭގައި އެ އަންހެން މީހާ ބަނޑުބޮޑުކަން ހާމަވެއެވެ. ގާޒީ ނިންމީ ދަރިފުޅު ވިހާ ފަސް އަހަރު ފުރުމުން ނޫނީ އަންހެން މީހާ ދަން ނުޖެއްސުމަށެވެ. އެހެންކަމުން އެ ފަސް އަހަރު އޭނާ ޖަލުގައި ދަރިފުޅާއެކު އުފާވެރިކަމާއެކީ ހޭދަކުރިއެވެ. މިޝަނެއްގައި ބޭނުންކުރި ހަތިޔާރުތަކެއް މެލްފަންކްޝަންވާ މައްސަލައިގައި ހަތިޔާރު ވިއްކި މީހާ އާއި ފުލުހުން ގުޅިގެން އަންހެން މީހާގެ ގެއަށް ރުފިޔާގަނޑެއް ވައްދައެވެ. އަދި އޭނާ ލައްވައި ކޮރަޕްޝަން ހިންގި ކަމަށް ގަދަބާރުން ސޮއިކުރުވުމަށްފަހު އަންހެން މީހާ ޖަލަށް ލައެވެ.

އެއީ ކޮން އަންހެނެއްތޯ ބެލުމަށް ފިލްމު ބަލާލާށެވެ. ފިލްމުގެ ފަހު އަތަށް އެޅިއިރު އާޒާދު އަށް އެހީތެރިވާން އޭނާގެ ވަރަށް ގާތް ބައެއް އާދެއެވެ. އެމީހުންގެ އެހީއާއެކު އާޒާދު ފެށި މިޝަންތައް ނިންމާލައެވެ. ފިލްމު ފެށުނީއްސުރެ ނިމެންދެން ޕްލޮޓް ޓްވިސްޓްތައް ފެންނަމުން ދިޔައިރު މި ފިލްމަކީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ޕްލޮޓް ޓްވިސްޓް ހިމެނި ފިލްމެވެ. އެ ހުރިހާ ޓްވިސްޓްތަކެއްވެސް ހީނުކުރާހާ ގޮތްގޮތަށް ވެގެންދިޔަ ނަމަވެސް އެ ޓްވިސްޓް ތަކަކީ ފިލްމާ އެންމެ އެކަށޭނެ ޓްވިސްޓްތަކެވެ. މިއީ ފަހުގެ ތާރީހުގައި ޝާހްރުކް ހާންގެ އެންމެ މޮޅު ފިލްމުކަން މި ފިލްމު ބެލުމުން އިއްތިފާގު ވެވޭނެއެވެ.