ސައްހަ ނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެމީހުން ކަމަށެވެ.

އަދި އެ ދެ މީހުންނަކީ ކޮންބައެއް ކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

https://www.youtube.com/watch?v=tC3_dBpQ9jI

އެގޮތުން ވީޑިއޯއިން ފެންނަ ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް އެކި މައްސަލަ ތަކާ ގުޅޭ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެމުންނެވެ. އަދި އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައި ވެއެވެ.