ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން، އެމްޑީޕީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޖިލިސް ތަމްސީލުކުރުމަށް ކޯޓަށް ވަޑައިގެންނެވި، ބަންޑާރަނައިބުގެ އޮފީހުން މަޖިލީހާ ދެކޮޅަށް ވަކާލާތު ކޮށްފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެންބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
ގާނޫނު އަސާސީ 133 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އިދާރާއަކުން ގާނޫނު އަސާސީ އާއި ހިލާފަށް ގާނޫނެއް މާނަކުރާނަމަ އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެނައުމަކީ ބަންޑާރަނައިބުގެ ޒިންމާއެއް ކަމުގައި ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ރޫހަކީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދިއުން ކަން ފާހަގަކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ މި މައްސަލާގައި މަޖިލީހުން ގަވާއިދު މާނަކޮށްފައިވަނީ ގަނޫނުއަސާސީގެ 88 ވަނަ މާއްދާ އާއި ހިލާފަށް ކަމަށް ބުނެފައެވެ.
މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން އިތުރު މައްސަލައަކާ މެދު ބަހުސްނުކުރެވޭނަމަ، ނުވަތަ ގޮތެއް ނުނިންމޭނެ ކަމަށް ބުނެފައިވަތީ، އެ މައްސަލައަކީ އަވަހަށް އިސްކަންދީގެން ނިންމަންޖެހޭ މައްސަލައެއްކަން ސާފުވާ ކަމަށެވެ.