ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު "ނޮވެމްބަރ" ފިލްމުގެ އޮންލައިން ޓިކެޓް ބުކިން ހުޅުވާލައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ޕްރިމިއާ ނައިޓްގެ ޓިކެޓް 200 އަށް އުޅޭއިރު އެހެން ރޭތަކުގެ ޝޯގެ ޓިކެޓް 150 އަށް ވިއްކަމުން އަންނަ ކަމަށެވެ. އަދި މިހާރުން ފެށިގެން ޓިކެޓް ބުކްކުރެވޭނެ ކަމަށާއި އޮންލައިންކޮށް ޓިކެޓް ވިއްކަން ފަށާނީ މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ހޮޓްލައިން 9911229 އަށް ވައިބާ ނުވަތަ ވަޓްސްއަޕްކޮށްގެން ޓިކެޓް ބުކްކުރެވޭނެ އިންތިޒާމު ވަނީ މިހާރު ހަމަޖެހިފައެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ މީގެ ތިން ވަރަކަށް އަހަރުކުރިން ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އޭރު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމު އެޅުވޭ ގޮތް ނުވުމުން މި ފިލްމު އެޅުވުން ފަސްކުރީއެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރ"ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. "ނޮވެމްބަރ" އަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. މި ފިލްމަކީ ޖުމައްޔިލް އާއި މަޖުދާ ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސްމެއެވެ. ޑާކްރެއިނުގެ އެންމެ އަގުބޮޑު ފިލްމު "ނޮޮވެމްބަރ" ގައި ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހުގެ ފެނިލުމެއް ވެސް ފެންނާނެއެވެ.

މިއަހަރަކީ އޮލިމްޕަސް ވަރަށް ތިޔާގި އަހަރެކެވެ. ފެބްރުއަރީ މަހު އޮލިމްޕަސް ހުޅުވުމާއެކު ޖެހިޖެހިގެން ފިލްމުތައް އަޅުވަމުން ދިޔައިރު މި އަހަރު އެންމެ ފުރަތަމަ ވެސް ރިލީޒްކުރީ ޑާކްރެއިންގެ ފިލްމެކެވެ. އެއީ "ބީވީމާ" އެވެ. މި ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.