ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން، ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެހެން ނިންމުންތައް ނިންމުންތައް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެލްޖީއޭއިން މިހެން ބުނެފައިވަނީ ވ. ފުލިދޫ ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން، ފައިސާ ދައްކާ ނިމެންދެން ކައުންސިލުން ދޭ އެއްވެސް ހިދުމަތެއް އެފަރާތްތަކަށާއި އެފަރާތްތަކުގެ އަނބި، ފިރި އަދި ދަރިންނަށް ހިމެނޭގޮތަސް މިއިން އެއްވެސް ފަރާތަކަށް ނުދިނުމަށް އެކައުންސިލުން ނިންމި ނިންމުމާ ގުޅިގެންނެވެ.
އެލްޖީއޭއިން ބުނީ، އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި މަދަނީ މުއާމަލާތަކާއި ގުޅިގެން ދައްކަން ޖެހޭ ފައިސާ ގަވައިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.. އަދި އެކަމުގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ނުހަނު ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް އެލްޖީއޭއިން ބުނެއެވެ.
އެހެންނަމަވެސް ކައުންސިލްތަކުން ހަދާ ގަވައިދުތަކާއި ނިންމާ ނިންމުންތައް ނިންމަންވާނީ ގާނޫނޫ އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ލިބިގެން ނުދާނެގެން، ކައުންލިސްތަކަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެލްޖީއޭއިން ބުނީ، ރަށެއްގެ ރައްޔިތުން އެއަށް އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް ކަމަށެވެ.
އެލްޖީއޭއިން ބުނީ، ކައުންސިލާއި އަމިއްލަ މީހަކާ މެދު ކުރާ މަދަނީ މުއާމަލާތެއްގެ ތެރެއިން އެ ފަރާތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށެވެ.
އޭގެ އިތުރުން، ކައުންސިލަކާއެކު ވާ މަދަނީ މުއާމަލާތެއްގެ ސަބަބުން އެ މީހަކު އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކި ފަރުދަކާމެދު ފިޔަވަޅު އަޅަންވާނީ އެ ފަދަ މުއާމަލާތަކާއި ގުޅިގެން ހަދާ އެއްބަސްވުމުގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެ، އެފަދަ ކަންކަމުގައި އެ މުއާމަލާތުގައި ނުހިމެނޭ އެކިއެކި ފަރުދުންގެ މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އެލްޖީއޭއިން ބުނެއެވެ.
އެލްޖީއޭއިން ވަނީ ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން، ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެހެން ނިންމުންތައް ނިންމުންތައް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކޮށްފައެވެ.
އަދި އެއްވެސް ރައްޔިތަކު އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ނިންމުމެއް ކައުންސިލަކުން ނިންމެވުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިލް ގަވައިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓުކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.