ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ހިދުމަތް" ޖަމިއްޔާއިން ފަލަސްތީނުގެ ގާޒާގެ 120 އާއިލާއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހިދުމަތް ޖަމިއްޔާއިން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް ލިބުނު ފައިސާ 120 އާއިލާއަކާ ހަވާލުކޮށްފައި ވާއިރު، މިއިން ކޮންމެ އާއިލާއަކަށް 200 ޑޮލަރު ވަނީ ދީފައެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާއިރު، ގެދޮރުވަނީ ބިމާ ހަމަވެފައެވެ. އަދި ރެފިއުޖީ ކޭމްޕުތަކަށް ބަދަލުވުމަށް ގާޒާގެ ރައްޔިތުންނަށް މަޖުބޫރުވެފައިވާއިރު އެމީހުންނަށް ޒަރޫރީ ބޭނުންތައް ފުއްދޭނެ އެއްވެސް މަގެއް ނެތެވެ. ކާބޯތަކެއްޗާ، ފެނާ އަންނައުނުގެ އިތުރުން ކަރަންޓެއްވެސް ނެތް އިރު ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ.
މި ގޮތުން ބާއްވާ ހަރަކާތްތަކުން ލިބޭ ފައިސާ އިންޓަނޭޝަނަލް އެއިޑް މެދުވެރިކޮށް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހައްދުފަހަނަޅާފައިވާ އިޒްރޭލުން އަންނަނީ މިކަމަށް ހުރަސް އެޅުމަށްވެސް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.