ފުރަތަމަ ފަހަރަށް ޑްރޯން ރޭހެއް ބާއްވާނެ ކަން ހާމަކޮށް، އުރީދޫގެ 'ފަން ރަން 2023' އިއުލާނުކޮށް، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 22 ގައި ބާއްވާ އުރީދޫ ފަން ރަން މިފަހަރު ހާއްސަވެގެން ދަނީ މި ދުވުމުގައި އަލަށް ޑްރޯން ރޭހުގެ އިވެންޓެއް ވެސް އެކުލެވޭތީއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ ފަން ރަން އިންތިޒާމުވެފައި ވަނީ ހުރިހާ އުމުރުފުރައެއްގެ ކުދިބޮޑު އެންމެނަށް ބައިވެރިވެވޭ ގޮތަށް ކަމަށާއި، އާންމުންގެ ފަރާތުން މިދިޔަ އަހަރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ "ފަން ރަން" ބާއްވާ ހަފްތާ ބަންދު ތަފާތު ބަންދަކަށް ހެދުމުގެ ގޮތުން ޑްރޯން ރޭހެއް، އެ ދުވުން އޮންނަ ދުވަހުގެ ހެނދުނު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ރޭސް ބާއްވަން ހަމަޖެހިފައި ވަނީ ނިޔާޒް ވިދާޅުވި ގޮތުގައި، ޑީޖޭއައިގެ އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު ސްޓެބަސިސް އާ ގުޅިގެންނެވެ.
މި ރޭހުގައި އަލަށް ޑްރޯން ދުއްވާ ފަރާތްތަކަށާއި ޕްރޮފެޝަނަލްކޮށް ޑްރޯން އަރުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ސްޓެބަސިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނިހާދު ވިދާޅުވީ، ޑްރޯން ރޭހަށް ބައިވެރިން ތައްޔާރުކުރުމަށްޓަކައި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މުބާރާތް ކުރިއަށްދާ ވަގުތު ޑްރޯން ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އުރީދޫ ފަން ރަން އާ ބެހޭ ކުރު ހުލާސާ އެއް:
- މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ
- ފަސް ކިލޯމީޓަރުގެ މި ދުވުން ނިންމުމަށް ވަކި ވަގުތެއް ކަނޑައަޅާފައެއް ނެތް
- ކޮންމެ ކިލޯމީޓަރެއް ނިމުމުން ފެނާއި ފޯމާއި ކުލައިގެ މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ
އުރީދޫ ފަން ރަންގެ ކިޓުތައް ބަހާލެވިފައިވާ ކެޓަގަރީތައް:
- ސްޓެންޑާޑް ކިޓް (100 ރުފިޔާ): ފަން ރަން ޓީޝާޓާއި ވްރިސްޓް ބޭންޑާއި ބިބް ނަންބަރު ހިމެނޭނެ
- ފަން ކިޓް (200 ރުފިޔާ): ސްޓެންޑާޑް ކިޓްގައި ހިމެނޭ ތަކެތީގެ އިތުރުން ފޮތިކޮތަޅަކާއި ލޮލުގައި އަޅާ ގޮގްލްސް އާއި ވްރިސްޓް ބޭންޑެއްގެ އިތުރުން ބަންޑާނާ އެއް ހިމެނޭނެ
އުރީދޫން ވަނީ މިއަދުން ފެށިގެން ފަން ރަންގައި ބައިވެރިވުމަށް ހުޅުވާލައިފައެވެ. އެކަމަކު ޑްރޯން ރޭހުގައި ބައިވެރިވުމަށް އަދި ހުޅުވައެއް ނުލައެވެ.
2017 ވަނަ އަހަރުން ފެށިގެން އުރީދޫން ބާއްވަމުން އައި "ކަލާ ރަން" "ފަން ރަން" އަށް ރީބްރޭންޑުކޮށް ބާއްވަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.