މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އެ މިނިސްޓްރީން ވަނީ ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރު 5، 2023 އިން ފެށިގެން ނޮވެމްބަރު 9، 2023 ގެ 16:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ދާއިމީ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހައުސިން މިނިސްޓްރީން އިއްޔެވަނީ، މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅާ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓު އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައިރު މިއަދު އާންމުންގެ ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް ވަދެ އިހްތިޖާޖުކުރަން ފަށާފައެވެ.

ފްލެޓް ދިން ގޮތުން މިނިސްޓްރީ ދޮށަށް އެއްވެ ތިބި މީހުންނާ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ، ބައްދަލުކުރައްވާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް އާންމުން ޑިމާންޑް ކުރަމުންދަނީ މިނިސްޓަރު ނޫނީ ސްޓޭޓް މިނިސްޓަރު އަކްރަމާ ބައްދަލު ކުރުމަށެވެ.