އިޒްރޭލުން ގާޒާގައި ހިންގާ ގަތުލުއާންމު ފުޅާވެ ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވާ އިރު، ޔޫކްރައިންގައި ހަނގުރާމައެއް ހިނގަމުން ދާކަންވެސް މީހުންނަށް ހީނުވާހާ ފެއްޖެ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެނެސްކީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ޔޫކްރައިން ހަނގުރާމަ މިހާރު ވަނީ "ޑްރޯ ވެފައި" ކަމަށާއި ފެފަރާތުން ކުރެ ފަރާތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
ރަޝިއާގެ ހަމަލާތަކާ ދެކޮޅަށް ޔޫކްރައިން އިން ދޭން ފެށި ރައްދު ހަމަލާތަކުގައި ކުރިއެރުން ލިބެނީ މިހާރު ވަރަށް ކުޑަކޮށް ކަމަށާއި ހަތިޔާރާއި ފައިސާގެ މަދަދު ދޭން ބުނި ހުޅަނގުގެ ބައިވެރިންގެ ފޯކަސް ވެސް މިހާރު މަޑުމަޑުން ބަދަލުވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ބައެއް ހަބަރުތައް ބުނާގޮތުން ޔޫކްރައިންގެ 128 ވަނަ މައުންޓަން އެސޯލްޓް ބްރިގޭޑްގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ، ބޮޑެތި ގެއްލުންތަކެއް ދާދިފަހުން ވަނީ ލިބިފައެވެ. މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އެގައުމުގެ ޑިފެންސް މިނިސްޓަރު ރުސްޓެމް އޮމަރޯވް ވިދާޅުވީ، އެއީ ނުރައްކާތެރި ހާދިސާއެއް ކަމަށާއި ތަހުގީގެއް ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.
އެ ބްރިގޭޑުން މަރުވީ ކިތައް ސިފައިން ކަމެއް އޭނާ ހާމަ ނުކުރެއްވި ނަމަވެސް ވިދާޅުވީ އެ ސިފައިން ހަރަކާތްތެރިވި ސަރަހައްދަށް ޔޫކްރައިންގެ މިސައިލް ހަމަލާއެއް އަމާޒުވި ކަމަށެވެ.
ޔޫކްރައިން ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ ބައެއް ބްލޮގްތަކުން ބުނެފައި ވަނީ، ހަނގުރާމަ ހިނގަމުން ދާ ސަރަހައްދުގެ ވިލެޖެއްގައި އޮތް އެވޯޑް ދިނުމުގެ ހަފްލާއެއް ކުރިއަށް ދިޔަ ވަގުތު އަމާޒުވި ހަމަލާއެއްގައި 20 ސިފައިން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވާ ކަމަށެވެ. އެއީ 128 ވަނަ ބްރިގޭޑްގެ ސިފައިން ކަމެއް ޔަގީނެއް ނުވެއެވެ.
އިތުރު ހަބަރުތައް ބުނާގޮތުން، ރަޝިއާއިން 2014 ގައި ހިފި ކްރިމިއާގައި ބޯޓު މަނުމުގެ މަސައްކަތް ކުރާ ސައިޓަކަށް ޔޫކްރައިން އިން ދިން ހަމަލާއެއްގައި ރަޝިއާގެ ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވީ ކިތަން މީހުން ކަމެއް ހާމަ ނުކޮށް ރަޝިއާއިން ބުނެފައި ވަނީ، އެ ޝިޕްޔާޑަަށް އަމާޒު ކޮށް ޔޫކްރައިން އިން 15 ވަރަކަށް މިސައިލް ފޮނުވާލި ކަމަށާއި ގިނަ އެއްޗެހި ވައްޓާލި ނަމަވެސް ޝިޕްޔާޑަށް އަމާޒުވި މިސައިލުން ބަންނަންމުން ދިޔަ ބޯޓު ހަލާކުވި ކަމަށެވެ.
ގާޒާގައި ގަދައަށް ހަނގުރާމަ ހިނގާއިރު، އެ ހަނގުރާމައިގައި އިޒްރޭލަށް ވެސް މަދަދު ދެނީ އެމެރިކާ އާއި ހުޅަނގުންނެވެ. ޔޫކްރައިން އަށް ވެސް މަދަދު ދެނީ އެމެރިކާ އާއި ހުޅަނގުންނެވެ. ހަނގުރާމައިގެ މި ހާލަތުގައި ޔޫރަޕްގެ ތާއީދު އޮތް ކަން ހާމަ ކުރަން ހޮނިހިރު ދުވަހު ޔޫކްރައިންގެ ވެރިރަށް ކީވް އަށް ވަޑައިގެންނެވި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮންޑަ ލިޔާން އަރިހުގައި ޒެލެންސްކި ވިދާޅުވީ، މެދުއިރުމަތީގެ އެ ހަނގުރާމަ އާ ހެދި ޔޫކްރައިން ހަނގުރާމައަށް އޮތް ސަމާލުކަން ކުޑަވެއްޖެ ކަމަށެވެ. އަދި އެއީ ރަޝިއާއިން ބޭނުންވާ ގޮތް ކަމަށާއި ނަމަވެސް ހުރިހާ ކޮންޓްރޯލެއް އަދިވެސް އޮފީ 'އަހަރެމެން' [ޔުކްރައިން އާއި ހުޅަނގު] ގެ އަތުގައި ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި ވާ އިރު ޔޫކްރައިންގެ ޗީފް މިލިޓަރީ ކޮމާންޑަރު ވެލެރީ ޒަލުޒްނީ ވިދާޅުވީ، ހަނގުރާމަ މިހާރު ވަނީ ޒާތަކަށް މަޑުޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން އަސްކަރީ ބާރު އިތުރަށް ގަދަކުރުމުގެ ފުރުސަތު ރަޝިއާ އަށް ލިބިގެން ދާ ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ޒެލެންސްކީ ވިދާޅުވީ، 'އެންމެން މިހާރު ވަރުބަލި ވެއްޖެ، އެހެންވީމާ އެކި މީހުންގެ ހުންނަނީ އެކި ހިޔާލު، އެހެން ވިޔަސް އަހަރެން ބުނާނީ އެއްވެސް ބަޔަކަށް މި ހަނގުރާމަ [ޔޫކްރައިން ހަނގުރާމަ] ކާމިޔާބެއް ނުވެޔޭ، މިތިބީ ޑްރޯ ވެފައި" ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ވައިގެ ސަރައްހައްދުގެ ކޮންޓްރޯލް އޮތީ ރަޝިއާއަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ބަދަލުކޮށް ރަޝިއާ ބަލިކުރުމަށް އެމެރިކާގައި އުފައްދާފައި ވާ އެފް16 މަރުކާގެ ބޮން އަޅާ ބޯޓާއި އެންޓި އެއާކްރާފްޓް އެޑްވާންސް ސިސްޓަމްތައް ޔޫކްރައިން އަށް ބޭނުންވާ ކަމަށެވެ.