އިޒްރޭލަށް ތާއިދުކޮށް ސޯޝަލްމީޑިއާ ވާހަކަދެއްކި ކަމަށް ބުނެ މާލޭގައި މީހަކަށް ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ.

ރޭ އެމީހާއަށް ބަޔަކު ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯ އިން ފެންނަނީ މާލެ އަށް އޭނާ އައުމުން ބަޔަކު ދިމާކުރާ މަންޒަރެވެ. އަދި ފުލުހުންގެ ވެހިކަލުގައި އޭނާ، ފުލުހުންގެ ހިމާޔަތުގައި އެ ސަރަހައްދުން ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ ބޭންކް އޮފް ސިލޯން ކައިރީ ރޭ 21:46 ހާއިރު މާރާމާރީއެއް ހިނގާފައި ވާކަމުގެ މައުލޫމަތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ރޭ 22:34 ހާއިރު ހެންވޭރު ގެއެއްގައި ވެސް މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.