އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާގައި މިހާތަނަށް 10،000 އާ ގާތްކުރާ އަދަކަކަށް މީހުން ޝަހީދު ވެފައިވާ އިރު، 35،000 އެއްހާ މީހުން ވަނީ ޒަހަމް ވެފައެވެ. ގާޒާގައި ކާބޯތަކެއްޗަށާއި ފެނަށް އާންމުން ޖެހިފައިވާ އިރު، އިޒްރޭލުން އަންނަނީ އާންމުންނަށް ގެއްލުންވާނެ ފަދަ ތަންތަނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެގޮތުން ބޭކަރީތަކަށާއި ސްކޫލް ތަކަށާއި ހޮސްޕިޓަލް ތަކަށް ހަމަލާ ދީ ބޭސްފަރުވާ ލިބުމުގައި ވެސް އެތައް އުނދަގޫތަކަކާ އެ ރައްޔިތުން އަންނަނީ ކުރިމަތިލަމުންނެވެ.

މި ހަނގުރާމަ ފެށިގެން މިހާތަނަށް އައި އިރު، ގާޒާގެ ރައްޔިތުން ހާލު ފެންނަ އެތައް ބަޔަކު އަންނަނީ އެ ރައްޔިތުންނަށް އެހީވުމަށް ގޮވާލައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ދުނިޔޭގެ އެކިކަންކޮޅު ތަކުން ވެސް މި ހަނގުރާމަ ކުށްވެރިކޮށް ފަަލަސްތީންގެ ރައްޔިތުން މިނިވަން ކުރުމަށް ގޮވާލަމުން އަންނަ އިރު، ބައިނަލްއަގްވާމީ މުއާހަދާތަކާއި ޖަމިއްޔާތަކުން ވެސް މި ވާހަކަތައް ތަކުރާރު ކުރެއެވެ.

މިހާރު ގާޒާއަށް އެހީވުމަށް ފޮނުވާފައިވާ ބައެއް ތަކެތި ރަފާ ބޯޑަރު ހުރަސްކޮށް ވައްދަން ފަށާފައިވާ އިރު، އެތަކެތި އާންމުންނަށް ދަނީ ބަހަމުންނެވެ. އެ ގޮތުން އދ އިން ފޮނުވި އެހީގެ ތަކެތި މި މަހު މުއްދަތު ހަމަވާ ކަމުގެ ޝަކުވާއާ އެކު އާންމު ކޮށްފައިވާ ވީޑިއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ.

އެ ވީޑިއޯގައި ފެންނަނީ އދ އިން ގާޒާއަށް އެހީގެ ގޮތުގައި ފޯރުކޮށް ދީފައިވާ ކަދުރު ބިސްކޯދު ޕެކެޓެއްގެ މަންޒަރެވެ. އެ ޕެކެޓްތަކުގެ ބޭރުގައި އެއީ އދ އިން އެހީގެ ގޮތުގައި ފޯރުކޮށްދޭ އެއްޗެއް ކަން އަންގައި ދިނުމަށް ޖަހާފައިވާ އދގެ ލޯގޯއާއި ލިޔުން ފެނެއެވެ. އެ ބިސްކޯދު ޕެކެޓްގެ އެކްސްޕަޔާ ވާ ތާރީހް ދައްކާފައިވާ އިރު، އެއީ މި މަހުގެ 22 އަށް މުއްދަތު ހަމަވާ ޕެކެޓެކެވެ.

ކޮންމެ ދުވަހަކު އިޒްރޭލުން އެތައް ހަމަލާއެއްދީ ގާޒާގެ އެކި ސަރަހައްދުތައް ސުންނާފަތި ކުރަމުން އަންނަ އިރު، އެ ގައުމުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ. ކުޑަކުދިން ބަނޑުހައި ހޫނު ކަމުގައި ރޮއެ ހަދައި އާދޭސް ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ފެނެއެވެ.

އިޒްރޭލުން މުޅި ގާޒާ ތަޅާ ފުނޑުފުނޑު ކުރަމުން ދާ އިރު، ކާނާ އާއި ބޯފެނާއި، ބޭހާއި ތެޔޮ ވަނީ ބަންދު ކޮށްފައެވެ. އިޒްރޭލުގެ އުދުވާން ހުއްޓަން ދުނިޔެ ގޮވަމުން ދާ އިރު، ބީރު ކަންފަތެއް ދީ، އާންމުން ޝަހީދު ކުރަމުން ދާ އިރު އެމީހުންގެ މިވަގުތުގެ ކެއުމަކީ ދުވާލަކަށް ބޮލަކަށް 2 ބަނަހެވެ.