ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، 4،000 ފްލެޓުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނެނީ:

  • ތިން ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މާކްސް މަތިން ލިބިފައިވާ ފަރާތްތައް ކަމަށް
  • ދެ ކޮޓަރީގެ ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މާކްސް މަތިން ލިބިފައިވާ ފަރާތްތައް ކަމަށް

މިނިސްޓްރީން ބުނީ، ލިސްޓުގައިވާ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ވަގުތު، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

އަދި 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ހަމަޖެހިފައިވަނީ ދެމަފަރިންނަށް އެއް ފްލެޓު ދިނުމަށެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް ފްލެޓެއް ދިނުމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިނިސްޓްރީން އާންމުކޮށްފައި ވަނީ، ފްލެޓު ލިބޭ މީހުން ކަނޑައެޅުމަށްޓަކައި އެއްވެސް އުސޫލެއް ނެތް ކަމަށް ތުހުމަތުކޮށް އާންމު ފަރާތަކުން އޭސީސީ އަށް މައްސަލަ އެއް ހުށަހަޅާފައި ވަނިކޮށެވެ.