އަމިއްލަ ބޭނުމަށް، ނުވަތަ ގޭބިސީތަކުގައި ޓީވީ ޗެނަލްތައް ރީބްރޯޑްކާސްޓުކުރާ ފަރާތްތަކުން ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ލައިސެންސް ނުނަގައި ޗެނަލްތައް ބެލޭނެ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު އިސްލާހުކޮށްފިއެވެ.

އެ ގަވައިދަށް ގެނައި އިސްލާހު ބްރޯޑްކާސްޓިން ކޮމިޝަނުން ގެޒެޓުގައި ޝާއިއުކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

މީގެ ކުރިން ނަމަ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭން ވާނީ އެ ކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބްރޯޑްކޮމުން ދޫކުރާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ލިބުމުން ކަމަށް، އެ ގަވައިދުގައިވެއެވެ. ނަމަވެސް ގަވައިދަށް ގެނައި އިސްލާހާ އެކު، އަމިއްލަ ބޭނުމަށް ރީބްރޯޑްކާސްޓްކުރާ މީހުން ބްރޯޑްކޮމުން ލައިސެންސެއް ހޯދަކަށް ނުޖެހޭނެއެވެ.

އަމިއްލަ ބޭނުމެއް ކަމަށް އެ އިސްލާހުގައި މާނަކޮށްފައި ވަނީ ގޭބިސީތަކުގައި އެ ހިދުމަތް ބޭނުންކުރާ ކުރުމަށެވެ.

ހަމަ އެއާއެކު ރީބްރޯޑްކާސްޓްކުރުމުގެ ލައިސެންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ލިސްޓަށް މި އިސްލާހުގައި ޝަރުތެއް އިތުރުކޮށްފައިވެއެވެ. އެގޮތުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސެންސަށް އެދި ހުށަހަޅާ ފަރާތަކީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެގެނެއް ނުވާނެއެވެ.