ހދ. ހަނިމާދޫގެ މަސްމާރުކޭޓް މަތީބައި ކެފޭ ރެސްޓޯރަންޓް ހިނގުމަށް އެ ރަށު ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ އިރު، 2 އަހަރާއި 6 މަސް ދުވަހުގެ ކުއްޔާއި ޖޫރިމަނާއާ އެކު ޖުމްލަ 124،435 ރުފިޔާ ހޯދަން ކައުންސިލުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ 2021 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ 5 މައްސަލައެއް ފާހަގަ ކޮށްފައެވެ. އެގޮތުން އޮޑިޓްގައި ފާހަގަކޮށްފައިވާ ފުރަތަމަ މައްސަލައަކީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުގެ ފުރިހަމަ ދަފްތަރެއް ބަލަހައްޓާފައި ނުވުމާއި އެކި ގޮތްގޮތުން ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމެވެ.

މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުގައި ދޭ ހިދުމަތަަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެން ޖެހޭ ފައިސާ އެކަމެއް ނިމޭތާ އެއް މަސް ދުވަސް ތެރޭގައި ހޯދަން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދީފި ނަމަ ހަތް ދުވަސްތެރޭ ފައިސާ ދެއްކުމަށް ދެފަހަރު މަތިން ހަނދާންކޮށްދީ ލިޔުމުން އަންގަން ޖެހެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހެއެވެ.

ނަމަވެސް އެ ކައުންސިލުން އެ ރަށުގެ މަސްމާރުކޭޓުގެ މަތީބައިގައި ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން 2020ގެ ފެބްރުއަރީ މަހުން ފެށިގެން 2022 ގެ އޯގަސްޓްގެ ނިޔަލަށް ކުލީގެ ފައިސާ ހޯދަން މަސައްކަތް ކޮށްފައެއް ނުވާ ކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. އެގޮތުން މަހު ކުލީގެ ގޮތުގައި ލިބެންޖެހޭ 84500 ރުފިޔާ އާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ފައިސާ ދެއްކުން ލަސްވުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 39،935 ރުފިޔާ އާއެކު ޖުމްލަ 124،435 ރުފިޔާ ކައުންސިލުން ހޯދާފައެއް ނުވެއެވެ.

މިކަން އިސްލާހު ކުރުމަށް އޮޑިޓުން ލަފާ ދީފައި ވަނީ، ކުއްޔަށް ދޫކުރާ ބިންބިމާއި އިމާރާތްތަކުގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް ބަލަހައްޓަމުން ދިއުމަށެވެ. އަދި އެއިން ތަނަކުން ދޭން ޖެހޭ ފައިސާ ދޭން ޖެހޭ މުއްދަތަށް ނުދީފި ނަމަ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް އަމަލު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވުމުން ކަނޑަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖަސް ނުކަނޑާ ފައިސާ ދައްކާފައިވާ މައްސަލައެކެވެ. އެގޮތުން ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކޮށްފައި ވީ ނަމަވެސް މަސައްކަތް ނިންމި ތާރީހް އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި ބައެއް ޕްރޮޖެކްޓްތައް ނިންމަންޖެހޭ ތާރީހަށް ނިންމާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވީ ނަމަވެސް ޕްރޮޖެކްޓްގެ އިދާރީ ބައެއް ލިޔެކިޔުންތަކުން ނިންމަން ޖެހޭ ތާރީހަށް އެ ޕްރޮޖެކްޓްތައް ނިންމާފައި ނުވާ ކަން އޮޑިޓަށް ވަނީ ފާހަގަ ވެފައެވެ. އެގޮތަށް ފާހަގަވި ޕްރޮޖެކްތްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 238،515 ރުފިޔާ ނުކަނޑާ މަސައްކަތް ކުރާ ފަރާތަށް ފައިސާ ދީފައިވާ ކަމަށް އޮޑިޓުން ބުނެއެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މައްސަލައެވެ. މި މަސައްކަތް ކުރުމަށް 1،166،000 ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފައިވާ އިރު، މި މަސައްކަތާ ގުޅިގެން ބިޑް ސެކިއުރިޓީއާއި ޕާފޯމަންސް ގެނެރެންޓީ ނަގާފައި ނުވާ ކަމަށް އޮޑިޓުން ބުނެއެވެ. އަދި މާލއިްޔަތު ގަވައިދާ ހިލާފަށް އެޑްވާންސްގެ ގޮތުގައި މަސައްކަތުގެ ޖުމްލައަގުން 50 ޕަސެންޓަށް ވާ 583،000 ރުފިޔާ ކޮންޓްރެކްޓަށް ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދާ ކަމަށް އޮޑިޓުން ބުނެއެވެ. މި ފައިސާ ދޫކުރި އިރު ރިޓެންޗަން ފައިސާގެ ގޮތުގައި އުނިކުރަންޖެހޭ 58،300 އުނި ނުކޮށް ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓުން ބުނެއެވެ.

މީގެ އިތުރުން ވެސް އެ އިދާރާގެ ނަމުގައި ބީއެމްއެލގައި ހުޅުވާފައިވާ ތިން އެކައުންޓަގެ އެކައުންޓްގެ ބާކީ ބަލަހައްޓާފައި ނުވުމާއި ބޭންކް ރީކޮންސިލިއޭޝަން ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓަށް ވަނީ ފާހަގަ ވެފައެވެ. އެގޮތުން ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ޖުމްލަ 1،596121 ރުފިޔާ ހުރި އިރު އޮކްްޓޯބަރު 20، 2022 ގެ ނިޔަލަށް 2،969،293 ރުފިޔާ ހުރި ކަަމަށް އޮޑިޓުން ބުނެއެވެ.

އަދި ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ މައްސަލައެއް ވެސް އޮޑިޓުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އައިޑީކާޑު ފައިސާގެ ގޮތުގައި އެ އިދާރާއަށް 2021 ވަނަ އަހަރު ލިބިފައިވާ 31،500 ރުފިޔާ އެ އަހަރުގެ ނިޔަލަށް ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ.