އަބަދުވެސް ފަލަސްތީނުގެ ދިފާއުގައި ވާހަކަދައްކައި އަޑުއުފުލަމުންދާތީ މަޝްހޫރު މޮޑެލް ބެލާ ހަދީދަށް މަރުގެ އިންޒާރުތައް ދޭން ފަށައިފިއެވެ.

ފަލަސްތީނަށް ވެސް ނިސްބަތްވާ މޮޑެލް ބެލާ އަކީ ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގެ އިތުރުން ބޮޑެތި މުޒާހަރާތަކުގައި ވެސް ބައިވެރިވަމުން އަންނަ ތަރިއެކެވެ. އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ ބެލާ ދާދިފަހުން އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ބުނީ، ދުވާލަކު އެތައް ސަތޭކަ ފަހަރު މަރުގެ އިންޒާރު އޭނާ އަށާއި އާއިލާ އަށް އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން މުޅި އާއިލާ ވެސް އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށްވެސް ބެލާ ވަނީ ބުނެފައެވެ. އޭނާ ބުނީ ފަލަސްތީނަކީ އަބަދުވެސް އޭނާ ވަރަށް ލޯބިވާ ގައުމެއް ކަމަށާއި ކިތަންމެ ވަރަަކަށް މަރުގެ އިންޒާރު ލިބުނަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ފަލަސްތީން މިނިވަން ނުވާހާ ހިނދެއްގައި އެ ގައުމު މިނިވަން ކުރުމަށް ފާޅުގައި ގޮވާލާނެ ކަމަށެވެ.

އިޒްރޭލުން، ފަލަސްތީނާ މެދު އަމަލުކުރަނީ ވަރަށް ގޯސްކޮށް ކަމަށާއި އެތައް ކުޑަކުދިންނެއް ދުނިޔެއާއި ވަކިވެއްޖެ ކަމަށް ބެލާ ވަނީ ބުނެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ވެސް މައިންބަފައިން ގެއްލިފައިވާ އެތައް ކުޑަކުދިންނެއް އެ ބިމުގައި އުޅެމުން އަންނަ ކަމަށާއި އެކަންތައްތައް ފެނުމުން ހިތަށް އަސަރު ކުރާ ކަމަށްވެސް މޮޑެލް ވަނީ ބުނެފައެވެ. ހަގީގަތް އޮޅުވާލަން އިޒުރޭލުން ފަތުރާ ދޮގު ވާހަކައިގެ ސަބަބުން ދުނިޔެ ބިރުވެރިކަމެއްގެ ތެރޭގައި އޮތް ކަމަށްވެސް ބެލާ ވަނީ ބުނެފައެވެ.

"އަހަރެންގެ ބައްޕަ އާއި ބައްޕަގެ އާއިލާ ފަލަސްތީނުގައި ދިރިއުޅުނު ގެއިން ބޭރުކޮށް، އެމީހުންގެ ވަޒަނާއި ދުރުގައި ރެފިއުޖީންނަށް ވެގެން އުޅެން މަޖުބޫރު ކުރުވި. އެތައް ޒަމާނެއްވެއްޖެ މި ކަންތައްތައް އަހަރެންގެ ލޮލަށް ފެންނަތާ،" ބެލާ ބުންޏެވެ.