ރައީސް އަބްދުﷲ ޔާމީން ރަށު ބަންދަށް ބަދަލު ކުރިއިރު ސޮއިކުރެއްވި އިގުރާރާ ހިލާވެފައިވާ ކަމަށާއި އެކަން ތަކުރާރު ކުރައްވައިނަމަ އިގުރާރު ބާތިލް ކުރާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން އެމަނިކުފާނަށް ދީފިއެެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުން ދާކަން ކަރެކްޝަންސް އަށް ފާހަގަ ކުރެވޭތީ އިގުރާރާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައީސް ޔާމީންއަށް މިއަދު އިންޒާރު ދީފައިވާނެ ކަމަށެވެ. އަދި ތަކުރާރު ކުރާނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވެސް އަންގާފައި ވާނެ ކަމަށެވެ.
ރައީސް ޔާމީން ރަށު ބަންދަން ބަދަލު ކުރީ އިގުރާރެއްގައި ސޮއި ކުރެއްވުމަށް ފަހު ކަމަށާއި އެ އިގުރާރުގައި ކުރުން މަނާ ކަންތައްތަކެއް ހިމަނާފައި ވާނެ ކަމަށް މީގެ ކުރިން ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީންގެ އަމަލުތައް ކަރެކްޝަންސް އިން މޮނިޓާ ކުރަމުންދާ ކަމަށާއި އިގުރާރާ ހިލާފްވާނަމަ ފިޔަވަޅު އާޅާނެ ކަމަށް ވެސް ކަރެކްޝަންސްވއިން ބުނެފައި ވެއެވެ.
ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރިފަހުން އެމަނިކުފާނު ވަނީ ޕީޕީއެމްގެ 2 ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ކަރެކްޝަންސް އިން ރައީސް ޔާމީންއަށް އިންޒާރު ދީފައިވަނީ އަންނަ ހުކުރު ދުވަހު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ސަރަހައްދަށް ވަޑައިގަތުމަށް އެމަނުކުފާނި ނިންމަފާއި ވަނިކޮށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މި މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.