އެމްޓީސީސީން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.

މި ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓިސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑެކްޓްތައް ވިއްކުމެވެ. އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާ، މަސްވެރިންނާ، އިންޖިނޭރުންނާ، ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑެކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނު، ސްޓަން އައިޓަމްސް، ސްކޮޓް ބޭޑާ ރެސިން، ސްކޮޓް ބޭޑާ ޖެލްކޯޓްސް އަދި ޕިގްމެންޓް އާއި ޔަންމާ ޖެންސެޓްސްގެ އިތުރުން ސްޕެއާ ޕާޓްސް އާއި އެކްސަސަރީޒް އަދި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސްއެެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި 5000 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮމޯ ނިންމުމަށް ފަހު ނެގޭ ގުރުއަތުން ހޮވާ ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ދިނުމެއް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލެ އަދި ހުޅުމާލެ ބަނދަރު ސަރަހައްދާ، ތިލަފުށި ޑޮކްޔާޑް އަދި ސައިޓް، ރ.އަލިފުށި އަދި އެ އަޮތޮޅު ވާދޫ، ތ.ހިރިލަންދޫ، ތ.ތިމަރަފުށި، ތ.ދިޔަމިގިލި، ދ.ކުޑަހުވަދޫ، ކ،މާފުށި، ކ.ގުޅި، އަދި ޏ.ފުވައްމުލަކުގައި އައުޓްޑޯ އިވެންޓްތައް ބޭއްވުމަށް މިތަންތަނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.