ގާޒާގެ ގިނަ ބަޔަކު ދިރިއުޅެމުންގެންދާ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށް ނެރު ބަޔާނުގައި ފޮރިން މިނިސްޓްރީއިން ބުނީ އެ ހަމަލާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭ ކަމަށެވެ.

ފަލަސްތީނުގެ އާންމު ރައްޔިޔުންނާ ދެކޮޅަށް އިޒްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް ދިވެހި ސަރުކާރުން އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

1 ޓަނުގެ 6 ބޮން ވައްޓާލައި ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް އެކީ ސުންނާފަތި ކޮށްލާފައިވާ ކަަމަށް ގާޒާގެ ދާހިލީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ގާޒާ ޓައިމްސް ނޫހުން ރިޕޯޓް ކުރާ ގޮތުގައި މިހަމަލާއަށް ފަހު ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 10،000 އާ ވަނީ ގާތްވެފައެވެ.