ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް 1 އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، އެ ނިންމުމުގެ ސަބަބުން ދިވެހިންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ނިންމާފައިވާއިރު، ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ލަންކާ ސަރުކާރުން ވަނީ އެދިފައެވެ. އެގޮތުން ހާއްސަކޮށް ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހިން އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.